ފިލްމު "ސޯލްޖާ"އިން 1998ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާ ޕްރިތީ ޒިންތާއަކީ ދެހާހުގެ އަހަރުތަކުގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމީ ތަރިއެކެވެ.

ފިލްމު "ސާންގަރްޝް"، "ކިޔާ ކެހެނާ"، "ހަރު ދިލް ޖޯ ޕިޔާރު ކަރޭގާ"، "ދިލް ޗަހަތާހޭ" އަދި "ދިލް ހޭ ތުމާރާ" ފަދަ ފިލްމުތަކަކީ ޕްރިތީގެ ފިލްމީ ކެރިއަރުގައި އިތުރު ފުރުސަތުތައް ހޯދުމަށް ވަރަށް ބޮޑަށް މަގުފަހުކުރުވި ފިލްމުތަކެކެވެ. ޕްރިތީ 2007ވަނަ އަހަރު ލީޑް ރޯލް ކުޅުނު ފިލްމު "ޖޫމް ބަރާބަރު ޖޫމް"އަށް ފަހު ބަތަލާ މަދުން ނަމަވެސް ފިލްމުތަކުން ފެނިފައި ވަނީ މުޅިންވެސް ޚާއްސަ ފެނިލުންތަކުންނެވެ.

ފިލްމުތަކުން ފުރުސަތު ލިބުނު ނަމަވެސް ހަ އަހަރު ވަންދެން އެއްވެސް ފިލްމެއްގެ ލީޑް ރޯލަކުން ޕްރިތީ ފެނިފައެއް ނުވެއެވެ.

ދާދިފަހުން ބޭއްވި މި އަހަރުގެ ކާންސް ފެސްޓިވަލުގައި ބައިވެރިވި ބަތަލާ ބުނެފައި ވަނީ، ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހުނީ އަމިއްލަ ވިޔަފާރީގެ މަސައްކަތްތަކަށް ވަގުތުދީ އަމިއްލަ އާއިލާއެއް ބިނާކުރުމުގެ މަގުސަދުގައި ކަމަށެވެ.

ބަތަލާ ޕްރިތީ ޒިންތާ ފިރިމީހާ ޖީން ގުޑްއިނަފްއާ އެކު--ފޮޓޯ/ޕިންކްވިލާ

ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަންހެން ތަރިންނަކީ ވެސް އަމިއްލަ ދިރިއުޅުމެއް ބިނާކޮށް ފިލްމީ ދާއިރާގެ ބޭރުން ވަކި ދިރިއުޅުމެއް އުޅެން ބޭނުންވާ ބައެއްކަން އާއްމުން ހަނދާންނެތޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމުތަކުގައި މަސައްކަތް ކުރާއިރު ވަރަށް ތަފާތު ކެރެކްޓާތައް ކުޅެ ވަރަށް ތަފާތު ލައިފްސްޓައިލްގެ ރޯލްތައް ކުޅެން ފުރުސަތު ލިބޭ ކަމަށާއި އެފަދަ ރޯލްތަކުން ވަރަށް ގިނަ ކަންކަން ދަސްވާކަމަށް ޕްރިތީ ބުނެފައިވެއެވެ.

އެހެންނަމަވެސް އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް އިސްކަންދިނުމަށް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް، ކާމިޔާބު ލޯބީގެ ފިލްމު "ވީރްޒާރާ"ގެ ބަތަލާ ވަނީ ބުނެފައެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖީން ގުޑްއިނަފްއާ 2016ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ޕްރިތީ ވަނީ ދިރިއުޅުން އެމެރިކާގެ ލޮސް އެންޖެލަސްއަށް ބަދަލުކޮށްފައެވެ.

ޕްރިތީ ވަނީ 2021 ވަނަ އަހަރު ސަރޮގެސީ މެދުވެރިކޮށް އެއްމާބަނޑު ދެކުދިން ލިބިފައިވާކަން އިއުލާނުކޮށްފައެވެ. ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅުމަށްފަހު ދާދިފަހުން ބަތަލާ ވަނީ "ލާހޯރު 1947"ގެ ނަމުގައި އުފައްދާ ފިލްމަކަށް ސޮއިކޮށްފައެވެ. ވޭތުވެދިޔަ ހަ އަހަރުތެރޭ ވަރަށް ގިނަ ސްކްރިޕްޓްތައް ޕްރިތީއަށް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް "ލާހޯރު 1947"އަށް އެއްބަސްވީ ސްކްރިޕްޓްގެ ބުރަދަނަށް ބަލާފައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.