25 May 2024, 15:55
ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން އޮޔާދަނިކޮށް މިއަދު ފެނުނީ މަރުވެފައި އޮތް އަންހެނެއް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މިކަމާ ގުޅިގެން މީޑިއާތަކާ މީގެ ކުރިން ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް 12:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ފުލުހުން ވަނީ އެ މިހާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އޮޔާދަނިކޮށް އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އަންހެނެއް ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އެ އަންހެން މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ޔަގީންކުރެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.
ތިން ދުވަސް ވަންދެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖު އެލާޓުން، ރީނދޫއަށް ދަށްކޮށް، އެންމެފަހުން ހުދު އެލާޓަށް ރޭ ވަނީ ދަށްކޮށްފައެވެ.