ރ އުނގޫފާރުގައި ކަރަންޓް ޖެހިގެން ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެ ކުއްޖާގެ ހާލާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެމުން ކުއްޖާގެ ބައްޕަ ބުނީ މިރޭ 7:30 ހާއިރު ކުއްޖާގެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ މި ހާދިސާގައި ތިން ކުދިންނަށް އަނިޔާވި ކަމަށާއި އެންމެ ބޮޑަށް ހާލު ދެރަވީ މިރޭ މާލެ ގެނައި 18 އަހަރުގެ ފިރިހެން ކުއްޖާ ކަމަށެވެ.

މިގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން އާސިފް ވިދާޅުވީ ވެއްޓުމުގެ ސަބަބުން މޫނަށް ބޭރުފުށުން ކުޑަ އަނިޔާއެއް ލިބިފައިވިއަސް، ބޮޑަށް އަނިޔާވެފައިވަނީ އެތެރެހައްޓަށް ކަމަށެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ދެމުން 18 އަހަރުގެ ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އެއް ގަޑިއިރުގެ ސީޕީއާރު ދިން ކަމަށެވެ. އަދި، ދެން ސީޕީއާރު ދެވޭނީ ބައިގަޑިއިރު ކަމަށް ޑޮކްޓަރު ބުނި ކަމަށާއި އޭރު ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރާ ހަވާލާދީ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ބައިގަޑިއިރަށް ފަހު ހިތާއި ފުއްޕާމޭ މަސައްކަތްކުރާކަމަށް ޑަކްޓަރު އެންގި ކަމަށާއި އައިސީޔޫއަށް ބަދަލުކުރާކަމަށް ޑަކްޓަރު އެންގި ކަމަށެވެ.

މި ހާދިސާގައި ދެން އަނިޔާވި ދެކުދިން ވަނީ ފަރުވާ އަށްފަހު ދޫކޮށްލައިފައި ކަމަށް އުނގޫފާރު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ކިޔާދެމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން އާސިފް ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖާ ކުޅުމުގެ ތެރޭގައި ނިކުމެ އުޅެނިކޮށް ކަރަންޓް ޖެހުމުގެ އިހްސާސް ކުރެވިގެން އާއިލާއާ ހިއްސާ ކުރި ކަމަށެވެ.

އަދި، ދެން ނިކުތްއިރު އަށް އަހަރުގެ ކުއްޖާއަށް ކަރަންޓް ޖެހި، އެ ކުއްޖާ ރޯ އަޑަށް ދިޔަތަނާހެން 18 އަހަރުގެ ކުއްޖާއަށް ވެސް ކަރަންޓްގެ އަސަަރުކުރީ ކަމަށެވެ

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.