25 May 2024, 23:06
އުރީދޫ އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ވިދިވިދިގެން ފަސް ވަނަ އަހަރަށް މިއަދު އާކޮށްފިއެވެ.
މިގޮތުން އޫރީދޫ އިން ބުނީ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫއާ މާޒިޔާ ސްޕޯޓްސް ކުލަބާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
އުރީދޫ އާއި އެކު ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ ސްޕޯޓްސް ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫގެ އެމްބެސެޑަރުކަން ވިދިވިދިގެން ފަސް ވަނަ އަހަރަށް މާޒިޔާ އަށް--ފޮޓޯ: އުރީދޫ
މާޒިޔާ ސްޕޯޓްސް ކުލަބު 1996 ވަނަ އަހަރު އުފެދުނު ހިސާބުން އަންނަނީ ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021)ގެ ސީޒަން ކާމިޔާބުކުރުމާއެކު، 2015ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް އެ ކްލަބުން ވަނީ ހޯދާފައެވެ.
ހަމަ މިއާއެކު، 2015 ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭ ގޮތަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށްވާ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފައެވެ.
ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫއެވެ.
ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އުރީދޫއިން ބުނީ ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަބަދު ވެސް ދޭނެކަމަށެވެ.