އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖުރާތު ސްޓޭޓްގައި ހުރި ޕާކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 27 މީހުން މަރުވެއްޖެއެވެ.

އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

އަލިފާން ރޯވެފައިވަނީ ގުޖުރާތު ސްޓޭޓްގެ ރާޖްކޮޓް ސިޓީގައި ހުރި ޕާކެއްގައެވެ. ޕޮލިސް ކޮމިޝަނަރު ރާޖޫ ބާގަވާ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ބެލި ބެލުމުން އެ ސަރަހައްދުން 27 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ނަމަވެސް، ހަށިގަނޑުތައް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފައި ކަމަށް ޕޮލިހުން ބުނެއެވެ.

އެ ޕާކަކީ އާންމުކޮށް ހަފުތާ ބަންދުގައި ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތައް ވަރަށް ގިނައިން ގޮސް އުޅޭ ޕާކެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާއާ ގުޅިގެން ޕާކުގައިހުރި އިމާރާތެއްގެ ފުރާޅު ވެސް ވެއްޓި ވަރަށް ބޮޑަށް އަނދާފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ކިޔުއްވައިފައެވެ.

އިންޑިއާގައި އަލިފާނުގެ ހާދިސާތަކަކީ އާންމު ކަމަކަށް ވާއިރު، ގިނަ ފަހަރު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވަނީ އިމާރާތްކުރާ ފަރާތްތަކާއި އާންމުން ވެސް އިމާރާތްކުރުމުގެ ގާނޫނުތަކާއި އުސޫލުތަކަށް ބޯނުލަބާނތީއެވެ.