އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ތެޔޮ ލިބުން ދަތިވެ، ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލްގައި ހުރި އޮކްސިޖަން ޖެނެރޭޓަރުތައް މިހާރު ހުރީ ބަންދުކުރާ ހާލަތުގައި ކަމަށް އދ.ގެ ކުޑަކުންދިންނާބެހޭ އިދާރާ (ޔުނިސެފް)އިން ބުނެފިއެވެ.

އޭގެ ސަބަބުން 20 އަށްވުރެ ގިނަ ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ޔުނިސެފުން ބުނެއެވެ.

ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ހުކުރު ދުވަހުގެ ހެނދުނު 15،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދިނުމުން ހޮސްޕިޓަލްގެ ޚިދުމަތްތައް އަލުން ދޭން ފަށާފައިވާ ކަމަށެވެ. ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ދުވާލަކު 4،000 ލީޓަރާއި 5،000 ލީޓަރާ ދެމެދުގެ މިންވަރަކަށް ތެޔޮ ބޭނުންވެއެވެ.

ތެޔޮ ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ގިނަ ޚިދުމަތްތައް ހުއްޓި އެތައް ބަޔަކަށް ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިފައެވެ.

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އިސްރާއިލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35،900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިސްރާއީލުގެ އަަސްކަރީ ބާރުތަކުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ ތެރެއިން މިހާރު ރަފަހް ސަރަހައްދަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓައިލަން އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝޭނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވެސް ވަނީ އަމުރުކޮށްފައެވެ.

އިސްރާއިލުން ރަފަހަށް ހަމަލާތައް ދޭން ފެށީ މި މަހުގެ ތެރޭގައެވެ. އޭގެ ސަބަބުން އެތައް ލައްކަ މީހުންނަށް އެ މީހުންގެ ގެދޮރު ދޫކޮށް ފިލަންވަނީ މަޖުބޫރުވެފައެވެ. ރަފަހް ސަރަހައްދަކީ މިހާރު ވެސް ރެފިއުޖީންގެ ގޮތުގައި ތިބި 2.3 މިލިއަނެއްހާ މީހުން ސަލާމަތްވުމަށް ގޮސް ތިބި އެއް ސަރަަހައްދެވެ.