ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު 'ކުރުގަޅުވައިލާ' އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން މަސައްކަތްކުރާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ކުރިން ކިޔަވައިދޭ ވަރަށް ވުރެ ވަގުތު ކުރުކޮށްލައިގެންނެވެ. އެގޮތުން، ކުރިއަށް އޮތް ތިން ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ.

އެމްޑީޕީން މިއަދު ނެރުނުބަޔާނެއްގައިބުނީ، ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނުއިރު ވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ. އަދި، ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި. މި ކަމާ ނުރުހުންފާޅުކޮށް ސޯޝަލް މީޑިޔާގައި މުވައްޒަފަކު ޚިޔާލެއް ފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅުއަޅާކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.

"އާ ދިރާސީ އަހަރެއް ފެށިގެން ދާއިރު އެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވައިލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ، ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއް ނެތި އެކި ފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރު ވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.

އަދި، އަމުދުން ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފުތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ ވެސް އެ ޕާޓީގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެ ކުދިންނާއި އެ ބޭފުޅުން ސަލާމަތްވުން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ މި ފެށޭ ދިރާސީ އާ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އިލްތިމާސްކޮށްފައެވެ.

ސްކޫލުތަކުގައި މިއަދު ދިރާސީ އާ އަހަރު ފެށީއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ. އޭގެ ތެރޭގައި، 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ހިމެނެއެވެ.

މި އަހަރު ފެށިއިރު ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އެގޮތުން، ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު 55 ސްކޫލެއްގައި ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އަދި، ހަ ސްކޫލެއްގައި ސެޓަލައިޓްކޮށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.