27 May 2024, 10:37
ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން އޮޔާދަނިކޮށް ހޮނިހިރު ދުވަހު ފެނުނީ މަރުވެފައި އޮތް ބިދޭސީ އަންހެނެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
'ސަން'އިން ސުވާލުކުރުމުން ފުލުހުން ވަނީ އޮޔާދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއްކަން ކަށަވަރުކޮށްދީފައެވެ.
އެކަމަކު، އެއީ ކޮން އުމުރެއްގެ އަދި ކޮން ގައުމަކަށް ނިސްބަތްވާ އަންހެނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި، އެ ބިދޭސީ އަންހެން މީހާ މަރުވީ ގުދުރަތީ މަރަކުންތޯ ނުވަތަ ނޫންތޯ ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި އެ ކަމާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.
ފުލުހުން މީގެ ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް ހޮނިހިރު ދުވަހު 12:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ މިހާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު އެ ދުވަހު 'ސަން'އަށް ވިދާޅުވީ، އޮޔާދަނިކޮށް އެ ހޮސްޕިޓަލަށް ގެނައި އަންހެނެއް މީހާ އޮތީ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައި ކަމަށެވެ.
މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، މިދިޔަ ހަފުތާގައި ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި، ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް ވުރެ ވައި މަޑުވެ، ކަނޑުތައް ވެސް މިހާރު މަޑު ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކޮށް މޫދަށް އެރި އުޅެވޭ ވަރަށް މޫސުން ރަނގަޅުކަމަށް އެ އޮފީހުން ބުންޏެވެ.
އޮޔާދަނިކޮށް މަރުވެފައި އޮތް މީހަކު ފެނުނުއިރު، މާލެއިން ވެސް މި ފަހުން ވަނީ މަރުވެފައި ޒުވާނަކު ފެނިފައެވެ. އެ މީހާ ފެނުނީ ގެއްލިގެން ހޯދަން އިއުލާނުކޮށްފައި އޮއްވާ މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައެވެ.