26 May 2024, 16:13
ޖާމަން ކަޕް ނުވަތަ ޑީއެފްބީ ޕޮކާލްގެ ޗެމްޕިއަންކަން ބަޔާ ޒީރޯ ފޯ ލެވަކޫސެންއިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި ދެވަނަ ޑިވިޝަނަަށް ނިސްބަތްވާ ކައިސާސްލާޓަން އާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި ކާމިޔާބީއާއެކު ލެވަކޫސެންއިން މި ވަނީ މިސީޒަންގައި ކަޕް ޑަބަލްއެއް ފުރިހަމަ ކޮށްފައެވެ.
ލެވަކޫސެންއިން ވަނީ އެ ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޖަރުމަނު ބުންޑެސްލީގާގެ ތަށިވެސް ކާމިޔާބު ކޮށްފައެވެ. އަދި މިކަން އެ ޓީމުން ކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ. އޭގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގައި މި މެޗުގެ ހަމައެކަނި ލަނޑު އެ ޓީމުން ޖަހާ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިސީޒަންގައި އެ ޓީމާއި ގުޅުނު ގްރަނީޓް ޜަކާއެވެ.
މި ލަނޑާއެކު ލެވަކޫސެންއިން ހަމަޖެހިލި ނަމަވެސް އެ ޓީމަށް މި މެޗުގައި ކައިސާސްލާޓެންގެ ޑިފެންސް ފޫއަޅުވާލުމުގައި ދަތިތަކާ ކުރިމަތިވިއެވެ. އަދި ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލެވަކޫސެންގެ ޑިފެންޑާ އޮޑިލޯން ކޮސޫނޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާއެކު މެޗުގެ ބާކީ ބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މި މެޗުގެ ދެވަނަ ހާފަށް ކައިސާސްލާޓެންއިން ނިކުތީ އެއް ކުޅުންތެރިއެއްގެ އެޑްވާންޓޭޖް ލިބިފައިވުމާއެކު މެޗުން ނަތީޖާ އެއް ނެރުމުގެ އަޒުމާއެކުއެވެ. އަދި މިކަން ކައިސާސްލާޓޭންގެ ސަޕޯޓަރުންގެ ކިބައިން ވެސް ފާހަގަ ވެގެންދިޔައެވެ. އެ ޓީމުގެ ސަޕޯޓަރުންދިޔައީ ދެވަނަ ހާފުގައި ވަރަށް ބޮޑަށް ޓީމަށް ތަރުހީބުދީ ހަދަމުންނެވެ. މި ހާފުގައި އެ ޓީމުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރެގްނާ އާޗާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އިތުރު ވަގުތަށް މެޗު ގެންދިއުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ލެވަކޫސެންއަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަށް ދެވަނަ ހާފުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ 1993 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލެވަކޫސެންއިން ޖާމަން ކަޕްގެ ތަށި އުފުލާލުމެވެ.
ލެވަކޫސެންއިން މި ސީޒަންގައި ބަލިނުވެ 51 މެޗު ހުރިހާ މުބާރާތެއްގައި ހަމަކޮށްފައިވެއެވެ. އަދި އެ ޓީމު މުޅި ސީޒަންގައިވެސް ބަލިވެފައިވަނީ ޔޫރޮޕާ ކަޕްގެ ފައިނަލްގައި އެޓަލާންޓާ އަތުން އެކަންޏެވެ.