26 May 2024, 20:46
ދަތުރުވެރިއެއްގެ ދަބަހެއް އެމްއެމްއޭ ކައިރިން ވަގަށް ނަގައި، އޭގައި ހުރި އަންނައުނުތައް ވިއްކަން ހުއްޓައި އެކަން ހުއްޓުވަން އުޅުމުން މޫދަށް ފުންމާލި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫއަށް އުފަން އުމުރުން 37 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ، މީހަކު އޭނާގެ ރަށުން މާލެ އައިސް އެމްއެމްއޭ ކައިރިއަށް ލޯންޗުގައި ހުރި ސާމާނު ބޭލިއިރު އެތަނުގައި އޭނާގެ ދަބަސް އޮތް ކަމަށެވެ. ނަމަވެސް، ދަބަސްތައް ކާރަށް އަރުވަން ބެލިއިރު، އެއް ދަބަސް މަދުކަން ފާހަގަކުރެވުނު ކަމަށާއި ދަބަސް ހޯދަމުން ދަނިކޮށް މަޖީދީ މަގު ވަދުފޮށި ކައިރީ ހުސް ދަބަސް އެއްލާލައިފައި އޮއްވައި ފެނުނު ކަމަށެވެ.
އޭގައި ހުރި އަންނައުނުތައް، ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ އަތުގައި އަޅުވައިގެން ވިއްކަން ހުރި މަންޒަރު ފެނުމުން އޭނާ ހުއްޓުވަން އުޅުނު ކަމަށް ކޯޓު އަމުރުގައި ވެއެވެ. އެ އެއްޗެހި އަތުލަން އުޅުމުން އޭނާ ގޮސް މޫދަށް ފުންމާލި ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޯޓު އަމުރުގައި ވާގޮތުން އޭނާ މޫދުން ނެގީ ފުލުހުންނެވެ. އަދި ދަބަހާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއީ އެއްލައިލައިފައި އޮއްވައި ހޮވި ދަބަހެއް ކަމަށް އޭނާއާ ހަވާލާދީ ފުލުހުން ބުނިކަމަށް ކޯޓު އަމުރުގައި ވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން މީގެ ކުރިން ވެސް އޭނާ 51 ފަހަރަށް ހައްޔަރުކޮށް، 29 ފަހަރަށް ބަންދުކޮށްފައި ވެއެވެ. އޭނާ މީގެ ކުރިން ހައްޔަރުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ ތުހުމަތު ކުރެވުން ހިމެނެއެވެ.
އޭނާ ބަންދުގައި ބަހައްޓަށް ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބަލައިފައިކަމަށް ކޯޓު އަމުރުގައި ވެއެވެ.