މާލެ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތައް ބެލެހެއްޓުމަށް ބިދޭސީންގެ ބަދަލުގައި ދިވެހިންނާ ހަވާލުކޮށްފިއެވެ.

އެކައުންސިލުން މާލެ ސަރަހައްދުގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ވަޒީފާއަށް ދިވެހިން ހޯދުމަށް އެންމެ ފުރަތަމަ އިއުލާންކުރީ މާޗު މަހުގެ 22ގައެވެ.

އެ ފަހަރު ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބުނެވެ. ނަމަވެސް، ދެވަނަ ފަހަރު ސިޓީ ކައުންސިލުން ހުޅުވާލުމުން 230 މީހަކު އެ ވަޒީފާއަށް ކުރިމަތިލި ކަމަށް އެ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަހަރު އެހާ ތަރުހީބު ލިބުނީ، ވަޒީފާގެ ފުރުސަތުތަކަށް ހުޅުވައިލައިފައިވާކަން މިސްކިތްތައް ކައިރިއާއި އެހެނިހެން ގޮތް ގޮތުން އިޝްތިހާރުކުރުމުންނެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެކައުންސިލުން ބަލަހައްޓާ ހުޅުމާލޭގެ 10 މިސްކިތަކާއި މާލޭގެ 22 މިސްކިތެއް އަދި ވިލިމާލޭގެ ދެ މިސްކިތެއް ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.

މިސްކިތްތައް ފޮޅައި ސާފު ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ލިބެއެވެ.

މީގެކުރިން، މާލެ ސަރަހައްދުގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓީ ސާފުކުރުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބިދޭސީން ލައްވައެވެ.