ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައި, އެކި ދާއިރާތާކުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރަައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި ސިޑްސްގެ ޤައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރައްވާފައެވެ.

އަދި ސިޑްސްގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި މުރަކައާއި ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ސޭޝެލްސްގެ ރައީސް ވަނީ ރާއްޖެއަށް ހުރިހާ ދާއިރާއެއްގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސަށް އަރުވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަޙުގައި އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ރޫޙާއެކުއެވެ.

ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅަކީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ސިޑްސްގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޤައުމުތަކަށް ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.