27 May 2024, 14:30
ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު ސްރޭބްރެނީސާގައި ހިނގާ ދިޔަ ގަތުލުއާންމާ ގުޅޭ ގަރާރުގައި އެއްވެސް ކޮޅަކަށް ރާއްޖެއިން ވޯޓު ނުދިނީ، އެ ގަރާރަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީ، ފަލަސްތީނުގެ އަޑު ފަނޑުކުރަން ބޭނުންނުވާތީ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ 'ކަލްޗާ އޮފް ޕީސް'ގެ ދަށުން 'އިންޓަނޭޝަނަލް ޑޭ އޮފް ރިފްލެކްޝަން އެންޑް ކޮމެމޮރޭޝަން އޮފް ދަ 1995 ޖެނޮސައިޑް އިން ސްރޭބްރެނީސާ'ގެ ނަމުގައި ޖަރުމަނުވިލާތުން އިސް ނަގައިގެން އދ.ގެ އާއްމު މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.
އެ ގަރާރާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓުގައި ރާއްޖެއިން ނިންމީ ވަކި ކޮޅަކަށް ވޯޓު ނުދޭށެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި، އެ ގަރާރަށް ވޯޓު ނުދިން ސަބަބެއް ސާފުކޮށްދޭން ޖެހޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ވޯޓުގެ ކަންކަން އެނގިވަޑައިގަންނަވާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އެ ޤަރާރު މި ދަޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލުން ކަމަށެވެ. އަދި، އެ ގަރާރަކީ އެ ކަމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭ ކަމަށާއި ރާއްޖެއިން ފަލަސްތީނުގެ އަޑު ފަނޑުކުރަން ބޭނުންނުވާތީ އެ ގަރާރަށް ވޯޓު ނުދިނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރާ އެކު: ސަރުކާރުން ބުނަނީ ބޮސްނިއާގެ ގަރާރަށް ވޯޓު ނުދިނީ ފަލަސްތީނުގެ އަޑު ފަނޑުނުކުރަން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު ރާއްޖެއިން މި ގޮތަށް ވޯޓު ދީފައިވަނީ އެ ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް އެ ގަރާރާ ގުޅިގެން އިއްތިފާގުވެފައިނުވާތީއާއި އދ.ގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެދުމަށް ބޭނުންނުވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެއްވެސް ބޭރު ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސް ބުނެ ހެދުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އުސޫލެއްނޫން. އަދި، ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ދިވެހިރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން،" ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް މި ގަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، މި ކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީ ކަމަށެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 56 މެންބަރު ގައުމުގެ ތެރެއިން މި ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ.
ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން މި ގަރާރަށް ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ތިން ގައުމަކުން މި ގަރާރާ ސީދާ ދެކޮޅަށް ވޯޓު ދީފައިވާއިރު ރާއްޖެ ހިމެނޭހެން 68 ގައުމަކުން ޚިޔާރުކޮށްފައިވަނީ މި ގަރާރާ ސިދާ ދެކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށެވެ.
އޯއައިސީގެ ބައެއް ގައުމުތަކުގެ އިތުރުން މި ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވެއެވެ. މީގެ އިތުރުން އިންޑިޔާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން ވެސް ވޯޓު ލާފައިވަނީ ދިވެހިރާއްޖެއާ އެއްގޮތަށެވެ.

ނިއުޔޯކުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--
ބޮސްނިއާ ގަރާރަކީ ކޮބާ؟
ދެހާސް ހަތްވަނަ އަހަރު އައިސީޖޭއިން ވަނީ 1995 ވަނަ އަހަރު ސްރޭބްރެނީސާގައި ހިންގާފައިވަނީ ގަތުލުއާންމެއް ކަމަށް ނިންމާފައެވެ.
އޭގެ ފަހުން ބޮސްނިއާ އަދި ހަޒެގޮވިނާގައި ސުލްހަ ދެމެހެއްޓުމަށާއި މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަމަނުޖެހުމުގެ ހުރިހާ ބައިވެރިން ވަނީ ވަކި އިންތިޒާމުތަކަކަށް އެއްބަސްވެފައެވެ.
މިގޮތުން ބޮސްނިއާ އަދި ހަޒެގޮވިނާގެ ރިޔާސަތު ބެލެހެއްޓުން އޮންނަނީ ތިން މެންބަރުންގެ މައްޗަށް ބަހާލާފައެވެ. އެއީ ބޮސްނިއަކް، ސާބް އަދި ކްރޮއޭޓް ނަސްލަށް ނިސްބަތްވާ ތިން މެންބަރުން ހިމެނޭ ގޮތަށެވެ. ވޯޓަކުން ހޮވާ މި ތިން މެންބަރުން ގުޅިގެން ހަތަރު އަހަރުގެ ދައުރެއް ހަމަކުރާނެއެވެ. އަދި، ކޮންމެ އަށް މަހަކުން ބަދަލުވަމުންދާ ގޮތަށް ކޮންމެ މެންބަރަކަށް ވެސް ބޮސްނިއާ އަދި ހަޒެގޮވިނާގެ ރިޔާސަތު ބަލަހައްޓަވާ ޗެއާޕާސަންކަމުގެ މަގާމަށް އައުމަށް ފުރުސަތު ލިބޭނެއެވެ.
ޖަރުމަނުވިލާތުން އިސްވެ ހުށަހެޅި މި ގަރާރުގައި 1995 ވަނަ އަހަރު ސްރޭބްރެނީސާގައި ހިނގާ ދިޔަ ޖެނޮސައިޑްގެ ހަނދާން އާކުރުމަށް ކޮންމެ އަހަރެއްގެ ވެސް ޖުލައި 11 ވަނަ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރުމަށް ގޮވައިލާފައިވެއެވެ.
އެގޮތުން އދ.އަށް މި ގަރާރު ހުށަހެޅުމާ އެކު ބޮސްނިއާ އަދި ހަޒެގޮވިނާގެ ރިޔާސަތުގައި ހިމެނޭ ސާބް ނަސްލަށް ނިސްބަތްވާ ފަޅިން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދިނުމަށް އެދި ލޮބީ ކޮށްފައެވެ.