ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަޑައިގެންދިއުމުގެ ސަބަބުން ވަޅުލެވުނު 2000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ދިރިތިބި ދެމަފިރިން ފެނިއްޖެއެވެ.

އެ މީހުން ފެނުނީ އެ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ.

ގިނަ ބަޔަކު ވަޅުލެވުނީ ޕަޕުއާ ނިއު ގިނީއަށް ބިންހެލުމެއް އައިސް މައުންޓް މުންގަލޯ ފަރުބަދައިގެ ބައެއް ވެއްޓި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

ވަޅުލެވުނު މީހުންގެ ތެރެއިން ދިރިތިއްބާ ފެނުނު ދެމަފިރިން ސަލާމަތްކުރީ ހޯމަ ދުވަހުއެވެ. އެ ދެމަފިރިން ސަލާމަތް ކުރެވުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން ދަނިކޮށް ސަލާމަތްކުރުމަށް އެދި ރޯ އަޑު އިވިގެންނެވެ.

ޖޯންސަން އެންޑް ޖެކްލީން ޔަންދަމް އެ މީހުން ސަލާމަތްވުން ސިފަކުރީ މުއުޖިޒާތެއްގެ ގޮތުގައެވެ.

"އެ ވަގުތު އަހަރެމެންގެ ފުރާނަ ސަލާމަތްކޮށްދެއްވީތީ ޝުކުރުވެރިވަން. އަހަރެމެން ޔަގީންކޮށްގެންތިބީ އަހަރެމެން މަރުވާނެ ކަމަށް. ނަމަވެސް، އަހަރުމެން ސަލާމަތުން ތިބީ ބޮޑެތި ގާތަކުގެ ސަބަބުން،" ޖެކްލީން ބުންޏެވެ.

"ގާތްގަނޑަކަށް އަށް ގަޑިއިރު ވަންދެން ތާށިވެފައި ތިބިއިރު، ދެން ސަލާމަތް ކުރެވުނީމާ ވިސްނައިދޭން ވަރަށް އުނދަގޫ. އަހަރެމެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ސަލާމަތްވީ ކޮންމެ ވެސް މަގުސަދެއް އެކަމުގައިވާތީ،" ޖެކްލިން ބުންޏެވެ.

ދެމަފިރިން ދިރިތިއްބާ ފެނުނު ކަމަށްވިޔަށް ދިރިތިއްބާ އިތުރު މީހުން ފެންނާނެކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތްތަކާއި ކާބޯތަކެތި ހައްދާ ދަނޑުތައް ވަނީ ހަލާކުވެފައެވެ. އެކަމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި އަސަރުތަކެއްކުރާނެ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ.

ޕަޕުއާ ނިއު ގިނީގެ އުތުރުގެ ފަރުބަދަމަތީ އެންގާ ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް ގެއްލުނު މީހުންގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރު ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ބިންހެލުން އައިސް ބިންގަނޑު ކަނޑައިގެން ދިޔައީ މީހުން ނިދާފައި ތިއްބައެވެ. އެހެންވެ، ފަރުބަދައިގެ ބައެއް، ގެތަކުގެ މައްޗަށް ވެއްޓި އެތައް ބަޔަކު ވަނީ ގެތަކުގެ ދަށުގައި ވަޅުލެވިފައެވެ.