28 May 2024, 10:24
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިމްމާ ނިންމުންތަކަށް, އިސްތިސްނާއެއް ނެތި އިސްރާއީލުން ވެސް ތަބާވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ރަފާހުގެ ޓެންޓް ކޭމްޕަށް އިސްރާއީލު ސިފައިން ދިން މަރުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ކަމަށެވެ.
އަދި އިސްރާއީލުން ވެސް އައިސީޖޭއިން ނިންމާ ނިންމުންތަކަށާއި ކުރާ ހުކުމްތަކަށް ތަބާވާން ޖެހޭނެ ކަމަށާއި، އެއްވެސް ޤައުމެއް ބައިނަލްއަޤުވާމީ ޤާނޫނުން އިސްތިސްނާ ނުވާކަމަށް ރައީސްގެ އެ ޕޯސްޓުގައިވެއެވެ.
އަދި ރާއްޖޭގެ ރައްޔިތުންނާއި މުޅި ސަރުކާރުގެ ނަމުގައި ރައީސް ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ޤަތުލުއާންމު ހުއްޓާލަން ގޮވައިލައްވައިފައެވެ.
ރޭ ފޮރިން މިނިސްޓްރީން ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އޮންނަ ރަފަހަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް އައިސީޖޭގެ އަމުރަށް ތަބާވުމަށް އިސްރާއީލަށް އެ މިނިސްޓްރީން ގޮވައިލައިފައި ވެއެވެ.
ރަފަހާއި މިސްރާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދު ބަންދުކޮށް، އިސްރާއީލުން އަންނަނީ މި މަހުގެ ހަޔަކުން ފެށިގެން ރަފަހަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.
އެ ހަމަލާ ފެށުމުގެ ކުރިން، ޣައްޒާގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 1.4 މިލިއަން ރެފިއުޖީން ރަފަހްގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާއިރު އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެގޮތުން އައިސީޖޭއިން ބުނެފައިވާ ގޮތަށް އިސްރާއިލުން ގަތުލްއާންމެއް ނުހިންގާ ކަމަށާއި އެހެންކަމުން އަމުރަށް ތަބާވާން ނުޖެހޭ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.