28 May 2024, 14:45
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފިއެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ގަދަވަޔާއެކު ވިއްސާރަކޮއް ކަނޑުތައް ވަރަށް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންވެ އެ އެޖެންސީއިން ނެރުނު ބަޔާނުގައި ވަނީ އާންމު ރައްޔިތުންގެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތް ކުރުމަށް އެ އެޖެންސީއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:
ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- މިގޮތުން ގޭގޭ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ގޭތެރޭ ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުން.
- އުސް ތަންތަނަށް ބަދަލު ނުކުރެވޭނޭ ތަކެތި ފެން ނުޖެހޭ ފަދަ ތަނަކަށް ގެންދިއުން.
- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ވައި ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން.
- ވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
- ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއަވާލާފައި ބެހެއްޓުން.
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަން ދިނުން. އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރުހަމަތޯ ޔަގީން ކުރުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރޫ ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ދުރާލާ ކަންކަން އިންތިޒާމްކުރުން.