ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްވަންދެން، ނިމިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމަށް މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފިއެވެ.

އާ މަޖިލީސް ހުވާކުރެއްވުމަށްފަހު، މިއަދު ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި، ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބުކޮށްފައެވެ.

އެއަށްފަހު ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މަޖިލީހުން އެކުލަވާލަންޖެހޭ މަޖިލީހުގެ ހިންގުމުގެ ގަވާއިދާ ގުޅޭ ގޮތުން ޕީއެންސީއަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި ވަނީ:

  • އެ ހުށަހެޅުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމުގެ ގޮތުން، 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކުރެވެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން.

  • ވިހިވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް އާއްމު ކޮމިޓީއާ ހަވާލުކޮށް، 26 ޖޫންގެ ނިޔަލަށް އެ ގަވާއިދު އެކުލަވައިލާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން.

މަޖިލީހުގެ 90 މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި، ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ފާސްކުރެވުނު މި ހުށަހެޅުމާއެކު މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ގަވާއިދުތައް ހެދެންދެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މި ހުށަހެޅުމާއެކު އަންނަ ހަފުތާގެ ހޯމަ ދުވަހު 20 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާ ބާއްވާނެއެވެ.

މި ފެށިގެން ދިޔަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ.