29 May 2024, 08:51
އެގޮތުގައި ވިސްނުމުގައި ހުއްޓާ ކުއްލިއަކަށް ދޮރު ހުޅުވާލުމާއެކު އޭނާއަށް ސިހުން ލިބިގެން ދިޔައެވެ. އިޝްފާން ހުރީ ހުސްގަޔާ ހަމައެކަނި ސޯޓެއްގައެވެ.
*** ޓްރިގަރ ވާރނިންގ***
އޭގެ ދެވަނަ ސިކުންތުގައި ޒައިނާއަށް ފަސްއެނބުރެވުނެވެ. އިޝްފާންއަށް އެންމެ ހިނދުކޮޅަކުވެސް ބަލަހައްޓައްޓައިގެން ހުންނަން އޭނާއަށް ކުޅަދާނަ ނުވީއެވެ. ގަތްލަދެއްގެ ސަބަބުން ޒައިނާއަށް ތުންފަތުގައި ވެސް ދަތްއަޅައިލެވިއްޖެއެވެ.
އަނެއްކޮޅުން ސިހުން ލިބުނު އިޝްފާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިނަމަވެސް، އިތުރު އެެއްޗެއް ނުބުނެ އޭނާ އަވަސްވެގަތީ ގަމީސް ލުމަށެވެ. އޭރުވެސް އޭނާގެ ކެއްސުމެއް ނުހުއްޓެވެ. އޭނާ އެންމެ ބޮޑަށް ހައިރާންވީ އެހާ ހެނދުނާ ޒައިނާ އައިސް ހުރުމުންނެެވެ. ޒައިނާ އެގެއާ ހިސާބަށް އަންނަން ޖެހުނު ބޭނުމެއް އެއްގޮތަކަށްވެސް އިޝްފާންއަކަށް ނުވިސްނުނެވެ. ގަމީސް ލައިގެން ގޮސް އޭނާ ކަރުކެހިލިއެވެ.
"ޒައިނާ… ކިހިނެއްވީ؟'" އިޝްފާން ސުވާލުކޮށްލުމާއެކު، ޒައިނާ އޭނާގެ އަތުގައި އޮތް ބޭސްފުޅި ދައްކާލީ އެ ގޮތަށް ފުރަގަސްދީގެން ހުރެއެވެ.
"މި ދޭންވެގެން." އޭރުވެސް ލަދުންހުރި ޒައިނާ އެހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ.
"ތި… ތި ކޯންޗެއް؟ އަހަރެން މިހުރީ ގަމީސް ލައިގެންނޭ…" އިޝްފާން އެހެން ބުނެލުމާއެކު، ޒައިނާ އެނބުރިލިއެވެ.
"މީ އަނެއް… މީ ދިވެހި ބޭހެއް… ދޭންވެގެން … އަނެއް…" އިޝްފާންގެ ނަޒަރު ހުރީ ސީދާ އޭނާއަށްކަމަށް ވުމާއެކު، ވާހަކަ ދެއްކުންވެސް ޒައިނާއަށްވީ ދަތިކަމަކަށެވެ.
"ދިވެހި ބޭހެކޭ؟" ހައިރާންކަމާއެކު އިޝްފާންއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.
"އާނ. ކެއްސާއަޑު އިވުނީމަ. މި ރޯގާގަ ވަރަށް ގަދަޔަށް ކެއްސާނެ. އެހެންވީމަ އަހަރެން ހިތަށް އެރީ މި ގެނެސްދޭނިއްޔޭ." ޒައިނާ އޭނާ އައި ބޭނުން އޮޅުން ފިލުވައިދިނެވެ.
"މި ކިހިނެއް ބޯން ޖެހެނީ؟ މިހެން ހުއްޓާ؟" އެ ފުޅީގައި ހިފަމުން އިޝްފާން ސުވާލުކޮށްލިއެވެ.
"ނޫނޭ. ކުޑަ ހޫނުފެންފޮދެއް އަޅާލާފަ ރީތިކޮށް ގިރާލާފަ ބުއިމަ އޯކޭ ވާނެ." ޒައިނާ އެ ބޭނުންކުރަންވާ ގޮތް ކިޔަދިނެވެ.
"ދެން ދަނީ އިނގޭ…" އޭނާ އިޝްފާންއަށް ހިނިތުންވުމެއް ދީފައި ފަސްއެނބުރުނު ވަގުތު އިޝްފާން ގޮވާލައިފިއެވެ.
"އަ… ކީކޭ؟" ޒައިނާ ބުނެލިއެވެ.
"ތޭންކްސް ފޯ ދިސް." އިޝްފާން ބޭސްފުޅި ދައްކާލާފައި ޝުކުރުއަދާކުރިއެވެ. އޭނާ ގޭތެރެއަށް ވަނީ ޒައިނާ ދިޔުމުންނެވެ.
ބޭސްފުޅިން ބޭސް ސަމްސަލެއް ތައްޓަކަށްއެޅުމަށްފަހު، ހޫނުފެން އަޅާ ގިރާލާފައި އިޝްފާން އެ ބޭސް ބޯލުމާއެކުވެސް ކަރުތެރެއަށް ލުއިވެގެން ދިޔައެވެ.
ޒައިނާ ގޯތިތެރެ ކުނިކަހާފައި އެތެރެއަށް ވަތްހެން ހީނުވެ އޭނާގެ ފޯނަށް ނިހާދު ގުޅައިފިއެވެ.
"ހަލޯ…" ޒައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އެހެން ބުނެލުމާއެކު، އެކޮޅުން އިވުނީ ނިހާދުގެ ހަޅޭކުގެ އަޑެވެ.
"ކަލޭ ކީކޭ ހިތަށް އަރައިގެން މަ ރަށުގަ ނެތްއިރު ފާޑު ފާޑު ފިރިހެނުންނާ ވާހަކަ ދައްކަނީ؟" ނިހާދުގެ ބާރު އަޑުން ޒައިނާއަށް ސިހުން ލިބިގެންދިޔައިރު އެކަން ނިހާދަށް އެނގުނުގޮތާ ބެހޭގޮތުން އޭނާއަށް ހައިރާންކަންވެސް ވެރިވިއެވެ. އަދި ޒައިނާ ބިރުގަންނަ ގޮތްވިއެވެ.
"ނިހާދު. ތި ހީކުރާ ގޮތަކަށް ނޫން. އަސްލުވެސް." ޒައިނާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ނިހާދު ރަށުގައި ނެތުމުން އޭނާ ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއްވެސް ޒައިނާއަކަށް ނޭނގުނެވެ. އެހެނީ ނިހާދު ރަށުގައި ހުރިނަމަ ނިހާދުގެ އަނިޔާއާ އޭނާއާ ކުރިމަތިލާން ޖެހޭނެއެވެ. މިވަގުތަށް އެ އަނިޔާއާ ކުރިމަތިލާން ނުޖެހުނު ނަމަވެސް، ނިހާދު މިރަަށަށް އައުމާއެކު، އެ އަނިޔާއިން ސަލާމަތްވުމަކީ ނެތްގޮތެކެވެ.
"ހަނދާންކުރާތި. ރަށަށް ގޮސް ދެފައި ބިންދާލާނަން." ނިހާދު ބުންޏެވެ. ޒައިނާ ވީގޮތް ކިޔައިދޭން ކިތަންމެ މަސައްކަތް ކުރިނަމަވެސް، ނިހާދުކުރީ އެ އަޑު އަހާ ގޮތަކަށް ނޫނެވެ. މާޔޫސްކަމާއެކު، ޒައިނާ ފޯނު ބާއްވަމުން ކާމޭޒު ގޮނޑީގައި އިށީނދެލިއެވެ. ދެއަތުން މޫނު ފުހެލިއިރު، ހިތުގައިވި ބިވެރިކަމުން މީހާ ހާސްވަމުން ދިޔައެވެ.
އޭގެ ތިން ދުވަސްފަހުން ނިހާދު ރަށަށް އަތުވެއްޖެއެވެ. ޒައިނާ ހުރީ އެކަމާ އިންތިހާ ބިރުންނެވެ. ވީ ހީކުރި ގޮތަށެވެ. ނިހާދުގެ އަނިޔާއާ ޒައިނާއަށް ކުރިމަތިލާންޖެހުނެވެ. ކުރިއެކޭ އެއްގޮތަކަށް ޒައިނާގެ އެއްވެސް އާދޭހަކުން ނިހާދުގެ ހިތަކަށް އަސަރެއް ނުކުރިއެވެ.
"އަހަރެންތަ ހިލޭ ފިރިހެނަކާ ގުޅުން ބާއްވަނީ. އަހަންނެއް ނޫން. އެކަން ކުރަނީ ނިހާދެއް ނޫންތަ؟ އެހެން މީހުންނާ ހުއްދަ ނޫން ގުޅުން ބާއްވާ ކޮންމެ މީހަކަށްވެސް އަނެކާއާމެދު ޝައްކުކުރެވޭނެ. އެ ނޫން އެހެން އެއްވެސް ގޮތެއް ވެގެންނެއް ނޫން ނިހާދު ތިއުޅެނީ. އަހަރެން ކިތަށްފަހަރު ބުނަންވީ އަހަންނާ އޭނަޔާ ދެމެދު އެފަދަ އެއްވެސް ގުޅުމެއް ނެތޭ. އަހަރެން ދިޔައީ އެ ބޭސް ފުޅި ދޭށޭ…" ޒައިނާ އެގޮތަށް ވާހަކަ ދެއްކުމުން ނިހާދު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ޒައިނާގެ ކޯތާފަތްމަތީގައި ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. އަދި ޒައިނާގެ ކޯތާފަތަށް ފިތާލާ ތަދުކޮށްލިއެވެ.
"މިރަށަށް އަންނަ އެންމެނަށް ބޭސްދީ ފަރުވާކުރުމަކީ ޒައިނާގެ ވާޖިބެއްތަ؟ މަ ކޮންމެ ވައްތަރަކަށް އުޅުނަސް ޒައިނާއަކާ ނުބެހެވޭނެ. ހަތަރެއްވެސް މަށަށް ހުއްދައޭ." ނިހާދު ހަޅޭއްލަވައިގަތެވެ.
"އެހެންވިއްޔާ އިނދެގެން ތިކުރާކަމެއް ކުރަންވީނު. ފާފައަކަށް ފަހު ފާފައަކަށް އަރައިގަންނާކަށް ލަދެއް ނުގަނޭތަ؟ އަހަންނަށްވެސް މަޑުން ހުރެވިއްޖެއެއްނު. ލައްކަ ދުވަހު ކެތްކުރެވިއްޖެ. ދެން ނުވާނެ." ޒައިނާ ރައްދު ދިނެވެ. އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް ނިހާދާ ކުރިމަތިލާށެވެ.
"އެހެންތަ؟ ވަރިވާނީ؟ ގޮސް ވަންނާނީ ކޮންތާކަށް؟ އަޅާލާނެ މީހަކު އެބަ ހުރި؟" ނިހާދު ހިފީ ޒައިނާގެ ބަލި ފައިގައެވެ. އޭނާ ބޭނުންވީ ކޮންމެ ގޮތަކުންވެސް ޒައިނާ ބަލި ކަށިކޮށްލާށެވެ. ޒައިނާއަށް ނިހާދުގެ މަޤްސަދު އެނގުމުން ހިތް ރޮމުންދިޔަ ޙާލުވެސް އެ ހިތުގައި އަތްއަޅާފައި އޭނާ ވާހަކަ ދެއްކިއެވެ.
"ކޯޓަށް ގޮސްގެން ވަރިވާނަން. އާނ… ތިކަހަލަ މީހަކާ އެކީ ކޮންކަހަލަ ދިރިއުޅުމެއް އަހަންނަށް މި ފެންނަނީ... މީ ދިރިއުޅުމެއްތަ؟" ޒައިނާގެ ލޮލުން ކަރުނަ އަންނަމުން ދިޔަ ޙާލުވެސް އޭނާ އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުން ހުއްޓައެއް ނުލިއެވެ.
"ވަރިވާށޭ؛ ލަދެއް ނުގަނޭތަ؟ ކަލޭ ހީކުރީ ކޯޓަށް ދާހާ ފަސޭހައިން ވަރިކޮށްދޭނެކަމަށްތަ؟ އެ މީހަކާ ހެދި ދޯ ތިވަރު ވެފަ ތިހުރީ؟" ނިހާދު ބުންޏެވެ.
"އެކަކާވެސް ނަހަމަ ގުޅުމެއް ބާއްވާފައެއް ނޯންނާނެ." ޒައިނާ އަނެއްކާވެސް އޭނާގެ ދިފާޢުގައި ބުންޏެވެ.
"އެހެންވީމަތަ އަހަރެންގެ އެކުވެރިން ފާޑުފާޑުގެ ފޮޓޯ ނަގާފަ އަހަންނަށް އެ ފޮނުވަނީ. ގޮސް ހެވިފަ އެހެރެ ގޭ ދޮރުމަތީ އަދި ހުއްޓޭ. އެ ނުވޭތަ ހިލޭ ފިރިހެނަކާ ގުޅުން ބާއްވާކަމަކަށް. އެވެސް އަހަރެން ރަށުގަ ނެތް ދުވަސް ބަލާފަ." ނިހާދަށް އެ ކަންތައް އެނގުނު ގޮތް ޒައިނާއަށް ފަހުމްވީ ދެނެވެ.
ތާކުން މީހަކު ފޮޓޯއެއް ފޮނުވާއިރަށް ނިހާދު ޖެހޭތަ ގަބޫލުކުރަން. ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އތުބާރާއި އިޙްތިރާމާއި ލޯބި ނެތްނަމަ ކޮބާ އެ ގުޅުމެއްގެ ބޭނުމަކީ؟" ޒައިނާ ހާމަކުރަމުން ދިޔައީ ހަޤީގަތެވެ. އެހެންނަމަވެސް ނިހާދުހުރީ އެ ވާހަކަތައް އަޑު އަހާކަށް ނޫނެވެ. އެންމެފަހުން ނިހާދު ބޭރަށް ދިޔައީ ޒައިނާއަށް އަނިޔާކޮށްކޮށް ވަރުބަލިވެގެންނެވެ. ގޭގެ ދޮރު ބަން ލާފައި ލެއްޕުމާއެކު ހީވީ މުޅި ގެއަށް ވެސް ގުޑުން އަރައިގެން ދިޔަ ހެންނެވެ. ޒައިނާ ގޮތެއް ނިންމިއެވެ. ނިހާދާއެކު ދިރިއުޅުމަކީ އޭނާއަށް ދެން ވާނެ ކަމެއް ނޫނެވެ. ބޭވަފާތެރިކަމުގެ ޓެގު އަޅުވާ އެއްވެސް އަސްލެތް ނެތްކަމެއްގައި އޭނާއަށް އެހާ ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ދެވިގެން ނުވާނެއެވެ. އަނިޔާވެރި ފިރިއެއްގެ ދަށުވެގެން އުޅުމަށްވުރެ ވަރިވެގެން އެ އަނިޔާއަށް ސަލާމަތްވުން ވެސް މާ ރަނގަޅެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ކޯޓަށް ދާން ނަމަވެސް، އެ މައްސަލަ ފެށޭ ހިސާބުން ނިހާދު އޭނާ ގެއިން ނެރެލައިފިނަމަ ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އެނބުރި ރަށަށް ދިޔަޔަސް ވަންނާނެ ތަނެއް ނެތެވެ. ވަރިވުމަށް ޒައިނާ ފަސްޖެހޭ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ކައިރީގައި އެހީތެރިވެދޭނެ މީހަކު ނެތުމެވެ. އޭނާއަށް ހިތްވަރުދޭނެ ގާތް އެކުވެރިއަކު ނެތުމެވެ. ރޮމުން ރޮމުން ދިޔަ ޒައިނާ ގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތުމާއެކު، އޭނާގެ ތަޤުދީރާމެދު ޝަކުވާކުރެވުނެވެ. އޭނާއަށް މިކަން މިގޮތަށް މެދުވެރުވީ ކީއްވެހެއްޔެވެ؟ ދިރިއުޅުމުގައި އެއްވެސް އުފަލެއް އޭނާއަށް ހައްޤު ނޫނީ ހެއްޔެވެ؟
****
ހަވީރުގެ ވަގުތެކެވެ. ރަށުގެ ފުއްޓަރު ފަރާތުގައި އޮތް ބޮޑު ގަލެއްގެ މަތީގައި އިށީނދެލައިގެން އިން އިޝްފާން ސަވާއަށް ގުޅާލިއެވެ. ސަވާގެ ޚަބަރެއް ނުވާތީ އޭނާ ހުންނަނީ ކަންބޮޑުވެފައެވެ. ނަސީބަކުން ސަވާ ފޯނު ނަގައިފިއެވެ. އިތުރު ވާހަކައެއް ނުދެއްކި ނަމަވެސް، ސަވާ އެ ހުރީ އޭނާގެ ވާހަކަ އަޑު އަހަން ކަން އެނގުނު އިޝްފާން ވާހަކަ ދައްކަން ފެށިއެވެ.
"ދޮންތާ. އަަހަރެން ދެކެ އަދިވެސް ހިތްހަމަ ނުޖެހިފަތަ؟" އިޝްފާން ސުވާލުކޮށްލިއެވެ. ސަވާ އެއްޗެއް ނުބުނުމުން އޭނާ އެ ސުވާލު ތަކުރާރުކޮށްލިއެވެ.
"ދޮންތާ…" އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ކޮން އިރަކުން ތިކަންތައް ހުއްޓާލާނީ؟" އެންމެ ފުރަތަމަވެސް ސަވާ އިޝްފާންއާ ކޮށްލި ސުވާލަކީ އެއީއެވެ.
"ދޮންތާ…" އިޝފާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ދޮންތައެއް ބޭނުމެއް ނޫނޭ އިޝްފާން އަލުން ޖަލަށް ލާކަށް." ހިނދުކޮޅަކަށްފަހު، ސަވާ އެހެން ބުނެލިއިރު، އެ އަޑުގައި ވޭނީ ރިހުމެއްގެ އަސަރުވެއެވެ.
"ދޮންތާ އެކަމުގެ ވާހަކަ ނުދައްކަބަލަ! ޕްލީޒް." ސަވާގެ ވާހަކައިން އިޝްފާންއަށް ވެސް އަސަރުކުރިއެވެ. ސަވާ އެ ވިސްނަނީ ކޮން ކަމަކާކަން އޭނާއަށް އެނގެއެވެ. ސަވާ ނޭފަތް ދަަމާލިއަޑު އިވުމުން އޭނާ ރޮނީކަން އިޝްފާންއަށް ދެނެގަނެވުނެވެ.
"ދޮންތާ. އަހަރެން އެކަމަކާ ދެރައެއް ނުވަމޭ… މި ޤައުމުގައި އެއްވެސް މީހަކަށް އިންސާފުލިބޭތަ؟ އެހެންވީމަ އަހަންނަށް އޭރު ކަންތައް އެ ކުރެވުނީ ހަމަ ރަނގަޅަށް. އޭނަ މަރުވި ކަމީ ހަމަ ނަސީބެއް" އިޝްފާން ބުނެލިއެވެ.
"އެކަމަކު ދޮންތަ ދެރަވެޔޭ ތި އުޅޭ ގޮތުން." ސަވާ ބުންޏެވެ.
އިޝްފާން ސަވާއާ އެތަކެއް ވާހަކައެއް ދައްކާ ސަވާ ހިތްހަމަ ޖައްސައިދިންނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނޭ އެ ސިކުނޑިން ބުނެދެމުން ދިޔައެވެ.
ފޯނު ބާއްވާފައި އިޝްފާން ފުއްޓަރަށް ބިންދަމުން ދިޔަ ބިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލިއެވެ. މާޒީގެ ޚިޔާލުތައް އައިސް އޭނާ ވަށައިލުމާއެކު، އިޝްފާންއަށް އެ ހަނދާންތަކުން ރެކެން ފަސޭހައެއް ނުވިއެވެ.
* * * * * * *
ނޫރާއާ ވަކިވީފަހުން އިޝްފާންގެ އުޅުމަށް އައި ނޭދެވޭ ބަދަލުތައް އެންމެންނަށްވެސް ފާހަގަވިއެވެ. އެކަމާ އެންމެ ކަންބޮޑުވީ ސަވާއެވެ. އޭނާ އިޝްފާންއާ ވާހަކަ ދެއްކިޔަސް، އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް އިޝްފާންގެ ނުހުރެއެވެ. އެގޮތުގައި ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ވެ ފާ އިތުވަމުން ދިޔައެވެ.
ރޭގަނޑެކެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް އެންމެން އައިއިރު އިޝްފާން އިނީ މޭޒު ދޮށުގައެވެ. ތައްޓަށް އެއްޗެހި އަޅައިގެން ކަމުން ދިޔައިރު އެތަނަށް ބަޔަކު އައި ހެންވެސް އޭނާއަށް ހިޔެއް ނުވެއެވެ.
"އަދަބެއް ސަދަބެއް ނެތް…" ފަތުހީގެ އަޑާއެކު ފަތުޙީއާ ދިމާލަށް ބަލައިލާފައި ވެސް އިޝްފާން އެއްޗެއް ނުބުނެއެވެ.
"މަދީހާ. އަހަރެން ބުނީމެއްނު އަހަރެންގެ ކޮއްކޮ ވާފިރު މިކޮޅަށް އަންނަ ވާހަކަ. އޭނަ ހުންނާނީ މިގޭގައި. އަހަރެން މި ވިސްނަނީ ވިޔަފާރީގެ ތެރެއަށް އޭނަ ވައްދަން." ފަތުޙީ މަދީހާއަށް ބަލާލަމުން ބުނެލިއެވެ.
"ކޮން އިރަކު އަންނަނީ؟" ފަތުޙީގެ އެއްވެސް ކަމަކާ ދެކޮޅު ހެދުމަކީ މަދީހާ ކުރި ކަމެއް ނޫނެވެ. ހަޤީގަތުގައި ފަތުޙީގެ ނުފޫޒާ ހެދި އޭނާއަށް އެގޮތަށް ކަންތައް ކުރަން ވެސް ނުކެރެނީ އެވެ.
"މާދަން ނޫން އަނެއް ދުވަހު އޭނަ އަންނަ ގޮތަށް ހަމަޖެހިފަ އޮތީ. އެހެންވީމަ ކޮޓަރިއެއް ތައްޔާރުކޮށްލާތި." ފަތުޙީ އާ މަދީހާއާ ވާހަކަ ދެއްކިއިރު އިޝްފާންއާ ސަވާއާ ދެމީހުން އިތުރު އެއްޗެއް ނުބުނެއެވެ.
ގްރޭޑް ދިހައެއް ނިންމުމަށްފަހު ރާއްޖޭން ބޭރަށް ކިޔަވަން ދިޔަގޮތަށް ވާފިރު އުޅުނީ ބޭރުގައެވެ. ލަންކާގައި މީހަކާ އިނދެގެން ދެ ކުދިންވެސް އޭނާއަށް ލިބުނެވެ. އެހެންނަމަވެސް ދާދިފަހުން އޭނާ ވަނީ ވަރިވެފައެވެ. ކުދިން ތިބެނީ މަންމަ ކައިރީގައެވެ. އެހެންކަމުން ވާފިރު އައުމާއެކު ފަތުޙީ އޭނާގެ ވިޔަފާރި ކުންފުނިން ފަތުޙީއަށް މަތީ މަޤާމެއް ދިނެވެ. އޭރު އެގޭ އެކަކަށްވެސް ނޭނގުނުމަކީ ވާފިރުގެ ސަބަބުން އެ އެންމެންގެ ދިރިއުޅުން ހީވެސް ނުކުރާ ގޮތަކަށް ބަދެލުވެގެން ހިނގައިދާނެކަމެވެ.
"އިޝްފާންގެ އުޅުމަށް ހަމަ ބަދަލެއް ނާދޭ ދޯ." އިޝްފާން އެތެރެއަށް ވަދެގެން އައި އިރު ފަތުޙީއާ ވާފިރާ ދެމީހުން ތިބީ ބޮޑު ކޮޓަރީގައެވެ.
"އާނ. ލިބުނު ފިރިހެން ދަރި އުޅޭ ގޮތުން އަހަރެން މި ހުންނަނީ ބޯ ހަލާކުވެފަ." ފަތުޙީ އެހެން ބުނެލީ އިޝްފާންއަށް އަޑު އިވޭވަރަށެވެ. ދަތް ކުނޑި ވިކާލި ނަމަވެސް، އޭނާ އެއްޗެއް ނުބުނެއެވެ.
"ކުންފުނީގެ ވަޒީފާއަކަށް ނެރެންވީނު. އޭރުންވެސް ރަނގަޅު ވެދާނެ ކަންނޭނގެ." ވާފިރު އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ.
"އޭތް. މަ އުޅޭ ގޮތް އެނގޭނީ މަށަށް." އިޝްފާން ހަޅޭއްލަވައިގަނެފައި ގޮސް ސިޑިން މައްޗަށް އެރިއެވެ.
(ނުނިމޭ)