29 May 2024, 07:18
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ސައުތު ސިނަމާގެ ހުނަރުވެރި ކޮރިއަގްރާފަރު/އެކްޓަރު ޕްރަބޫ ދޭވާ އެކީގައި މަސައްކަތް ކުރާ ފިލްމުގެ ނަމާ އެކު ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.
ކާޖޮލް ވަރަށް ތަފާތު 'ލުކް'އެއްގައި ފެންނަ މި ފިލްމުގެ ނަމަކީ "މަހާރަގްނީ"އެވެ.
ކާޖޮލް މީގެ ކުރިން ފެނިފައިނުވާ ފަދަ އެކްޝަން ރޯލަކުން ފެންނަ މި ފިލްމުގައި ޕްރަބޫ ދޭވާ ވެސް ފެންނަނީ ވަރަށް ނުފޫޒުގަދަ އެހާމެ ބާރުހުރި މީހެއްގެ ގޮތުގައެވެ. ޕްރަބޫ ދޭވާއާއި ކާޖޮލްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން ދުވަސްވީ އެކްޓަރު ނަސީރުއްދީނު ޝާހު ވެސް ފެންނާނެއެވެ.
ފިލްމު "މަހާރަގްނީ"އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ޗަރަން ޑައިރެކްޓްކުރާ ބޮލީވުޑްގެ ފުރަތަމަ ފިލްމެވެ.
ކާޖޮލްއާއި ޕްރަބޫ ދޭވާ މީގެ 27 އަހަރު ކުރިން ފެނިފައިވަނީ ވަރަށް މަޑުމައިތިރި ރޯލްތަކުން ނަމަވެސް ފިލްމުގެ ޓީޒާއަށް ބަލާލިކަމުގައި ވިޔަސް މިއީ ވަރަށް ގިނަ ތަޅާފޮޅުންތައް ހިނގާނެ އަޑުގަދަ ފިލްމަކަށް ވާނެކަން ތަސައްވަރުކޮށްލެވެއެވެ.

ކާޖޮލް އަދި ކްރިތީ ފިލްމު "ދޯ ޕައްތީ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
މި ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިންގް ނިންމާލުމަށްފަހު ފުރަތަމަ ޓީޒާ އާއްމުކުރި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ޕްރިމިއަކުރި "ލަސްޓް ސްޓޯރީސް2"އިންނެވެ. ކާޖޮލް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނެޓްފްލިކްސްގައި ޕްރިމިއަކުރަން ތާވަލު ކުރެވިފައިވާ ފިލްމު "ދޯ ޕައްތީ"އިންނެވެ. މި ފިލްމުގައި ކާޖޮލްގެ އިތުރުން ކްރިތީ ސެނޮން މުހިއްމު ރޯލަކުން ފެންނާނެއެވެ.