29 May 2024, 07:24
ސްޓާ ޕްލަސްއިން ގެނެސްދިން މަގުބޫލު ޓީވީ ޑްރާމާ ސީރީޒް "ޔޭ ހޭ މުހައްބަތޭން"އިން ކުޑަ ކުއްޖެއްގެ ރޯލް ކުޅުނު ރުހާނިކާ ދަވަން (ރޫހީ) އާއިލާއާ އެކު ރާއްޖެއަށް އަތުވެއްޖެއެވެ.
ރުހާނިކާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. ރުހާނިކާގެ ބައްޕައާ އެކު އެއަޕޯޓުގައި ދަތުރުކުރާ މަންޒަރުގެ އިތުރުން ސީޕްލޭންގައި އެ މީހުން ތިބުމަށް ހަމަޖެހުނު ރިސޯޓަށް ފޭބި މަންޒަރުތައް ވެސް ރުހާނިކާ ވަނީ ހިއްސާކޮށްފައެވެ.
ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށުމުން މަދު ބަޔަކު ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލި ނަމަވެސް ރުހާނިކާ ފަރާތުން ގިނަ ބަޔަކު އެދިފައިވަނީ ވީހާ ވެސް ގިނައިން ޗުއްޓީ ދަތުރުގެ ފޮޓޯތައް ޕޯސްޓު ކުރުމަށެވެ.

ބަތަލާ ރޫހާނިކާ ޗުއްޓީ ހޭދަކުރާ ރިސޯޓަށް ދިއުމަށް ފައިބާ މަންޒަރު--ފޮޓޯ/ޓިކްޓޮކް
ބަތަލާއަށް ސަޕޯޓުކުރާ ބައެއް ދިވެހިން ބުނެފައިވާ ގޮތުގައި ރުހާނިކާ ރާއްޖެ އައި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ވަރަށް ގޯސްވެފައިވާ ދުވަސްވަރެއް ކަމުން ދިވެހިރާއްޖޭގެ ހަގީގީ ރީތިކަން ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ. ނަމަވެސް، 16 އަހަރުގެ ބަތަލާގެ އިންސްޓަގްރާމް ފީޑްގައި މި ދުވަސްކޮޅު މުޅިން ވެސް ފެންނަން ހުރީ ޗުއްޓީ ހޭދަކުރަމުން އަންނަ ވަށުގިރި ޕްރައިވެޓް އައިލެންޑްގެ ފޮޓޯތަކެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭ އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެ، އިންޑިއާގެ ބައެއް ތަރިން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ގޮވާލައިފައެވެ. އެހެންވެ، އިންޑިއާ ފަތުރުވެރިން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.