ވަރަށް އަވަހަށް ކައިވެނިކުރަން ހަމަޖެހިފައިވާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީއާއި ލޯބިވެރިޔާ ރާދިކާއަށް މުކޭޝްގެ ފަރާތުން 77.3 މިލިއަން ޑޮލަރުގެ އަގު ބޮޑު ހަދިޔާއެއް ދީފިއެވެ.

މި އަހަރުގެ ޖުލައި މަހު ކައިވެނިކުރުމަށް ތައްޔާރުވަމުން އަންނަ އަނަންތާއި ރާދިކާއަށް ބައްޕަ މުކޭޝް އަމްބާނީގެ ފަރާތުން ހަދިޔާކޮށްފައިވަނީ ދުބާއީގެ އެންމެ އަގު ބޮޑު ސަރަޙައްދުން ލަގްޒަރީ ވިލާއެކެވެ. މި ލަގްޒަރީ ވިލާ އަކީ މުކޭޝް އަމްބާނީ 2022ވަނަ އަހަރުގެ ތެރޭ ގަނެފައިވާ 33000 އަކަފޫޓުގެ ބޮޑު އެސްޓޭޓުގައި ބިނާކޮށްފައިވާ ލަގްޒަރީ ވިލާއެކެވެ.

ރާދިކާ އިންޑިއާގެ މުކޭޝް އަމްބާނީއާ އެކު--ފޮޓޯ/މިޑްޑޭ

ގާތްގަނޑަކަށް 70 މީޓަރުގެ ދިގު މިނުގައި 10 ކޮޓަރިއާ އެކު ޕްރައިވެޓް ބީޗެއް ހިމެނޭ މި ލަގްޒްރީ ވިލާ ހުންނަނީ ޕާމް ޖުމެއިރާގައެވެ.

މީގެ އިތުރުން، ކެއުންތައް އިންސާފުކުރުމަށް ޚާއްސަ ޑައިނިން އޭރިއާއާ އެކު ހާމަކޮށް ފެންނަން ހުންނަ ބަދިގެއަކާއި، އިންޑޯ އަދި އައުޓްޑޯ ޕޫލްތަކާއި، ސެލޫނަކާއި ވަރުގަދަ ސްޕާއެއް ވެސް މި ލަގްޒަރީ ވިލާގައި ހުރެއެވެ.

އެތަކެއް މިލިއަން ޑޮލަރުގެ މި އަގުބޮޑު ލަގްޒަރީ ވިލާއަކީ މިއަދުން ފެށިގެން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އަނަންތާއި ރާދިކާގެ ޕްރީ-ވެޑިން ހަފުލާއާ ގުޅިގެން ދެވުނު ހަދިޔާއެކެވެ. ރިޕޯޓުތައް ބުނާގޮތުން އަނަންތާއި ރާދިކާއަށް މުކޭޝް އަމްބާނީގެ ފަރާތުން ހަދިޔާކުރި މި އަގުބޮޑު ވިލާއަކީ މިހާތަނަށް ދުބާއީގައި ކުރެވުނު އެންމެ އަގުބޮޑު ރެޒިޑެންޝަލް ޕްރޮޕަޓީ ޑީލެވެ.

މުކޭޝް އަމްބާނީގެ ފަރާތުން އަނަންތުއާ ރާދިކާއަށް ހަދިޔާއަކަށް ލިބުނު ލަގްޒަރީ ވިލާގެ ފޮޓޯއެއް--ޕިންކްވިލާ
އަނަންތާއި ރާދިކާގެ ކައިވެނީގެ ކުރިން ބާއްވާ ދެވަނަ ޕްރީ-ވެޑިންގް ހަފުލާ ކުރިއަށް ގެންދާނީ އިޓަލީއިން ސައުތު ފްރާންސަށް ދަތުރުކުރާ ކްރޫޒު ލައިނާއެއްގައެވެ. މި ހަފުލާގައި ބައިވެރިވާ ގިނަ ބަޔަކު އިއްޔެގެ ވަގުތެއްގައި މުމްބާއީ އެއަޕޯޓުން ފެނިފައިވާއިރު އޭގެ ތެރޭގައި ފިލްމު އިންޑަސްޓްރީގެ އޭ-ލިސްޓު ތަރިންތައް ހިމެނެއެވެ.

އަނަންތާއި ރާދިކާގެ ކައިވެނީގެ ކުރިން ބޭއްވި ފުރަތަމަ ހަފުލާ ބާއްވާފައިވަނީ މި އަހަރުގެ މާޗު މަހު އިންޑިއާގެ ޖާމްނަގަރުގައެވެ. ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.