އދ. މަޖިލިސް (29 މޭ 2024) : އިސްރާއީލަކީ ތުއްތުކުދިން މަރާ މުޖުރިމު ގައުމެއްގެ ގޮތުގައި ކަނޑައަޅައި އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ގަރާރަކުން އެކަން ދުނިޔެއަށް އިއުލާނު ކުރަން ތައްޔާރުވަމުންދާކަމަށް އދ. ގައި ތިއްބަވާ ޑިޕްލޮމެޓުން ވިދާޅުވެއްޖެއެވެ.

އދ. ގައި ތިއްބަވާ ޑިޕްލޮމެޓުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ޣައްޒާގައި 15،000 އަށްވުރެން ގިނަ ކުޑިކުދިން ޝަހީދުކޮށްލާފައިވުމާ އަދި ފަލަސްތީނުގެ ތުއްތުކުދިން އުފަން ނުވަނީސް އެ ކުދިންގެ މަންމައިންގެ ރަހިމުގައި އޮއްވައި މަރާލުމަށް އިސްރާއީލުގެ ސިފައިން އުފުލާ ޝިއާރުތަކުގެ ސަބަބުން އިސްރާއީލަކީ ތުއްތުކުދިން މަރާ ގައުމެއްގެ ގޮތުގައި ކަނޑައަޅަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ނިންމަވާފައެވެ.

"ކިލް ދެމް އިން ދެއާ މަދާސް ވޮމްޕް" މި ޝިއާރު ޣައްޒާގެ އެތައް ތަނެއްގައި އިސްރާއީލުގެ ސިފައިން ހިބްރޫ ބަހުން ލިޔަމުން ގެންދާކަން އދ. ން ފާހަގަ ފާހަގަކޮށް އެކަމާމެދު އދ. ގެ މަސްއޫލުވެރިން ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އިސްރާއީލަކީ ކުޑަކުދިން މަރާ މުޖްރިމު ގައުމެއް ކަމަށް ކަނޑައަޅާ މި ގަރާރުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ސޮއިކުރައްވައި ގަރާރު ވަރަށް އަވަހަށް ނެރޭނެކަމަށް އިސްރާއީލުގެ ނިއުސް ނެޓްވާކެއް ކަމަށްވާ "ޗެނެލް -13" އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ފަލަސްތީނުގެ ބައްޕައަކު އިސްރާއީލުން މަރާލާފައިވާ އޭނާގެ ދަރިފުޅު ގެ ހަށިގަނޑު އުރައިގެން ރޮނީ

ބައިނަލްއަގުވާމީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް މިގަރާރު ނެރުއްވަނީ ދަހޭގްގައި ހުންނަ "ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު" ނުވަތަ "އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް" އިން ބަލަމުންގެންދާ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ މައްސަލައިގެ ގާނޫނީ ހައިޘިއްޔާތަށްވެސް ރިއާޔަތް ކޮށްގެންނެވެ.

އިސްރާއީލުން މިދިޔަ އާދީއްތަ ދުވަހު ވަނީ ރަފްހުގެ ދެކުނުގައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ އެތައް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދައިގެންތިބި އާދައިގެ ނިކަމެތި ފޭލިގެއަކަށް އަސްކަރީ ޖެޓްތަކުން ބޮންއަޅައި 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ސަތޭކައަށް ވުރެގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އަދި އިއްޔެ ވެސް އިސްރާއީލުން ވަނީ ރަފަހުގެ ދެކުނުގައިވާ ފޭލިގެއަކަށް ހަމަލާދީ 30 އަށް ވުރެ ގިނަމީހުން ޝަހީދުކޮށްލާފައެވެ. މި ދެ ހަމަލާގައިވެސް އެންމެ ގިނައިން މަރުވެފައިވަނީ ކުޑަކުދިންނެވެ.

މި ފޭލިގެއަށް އިސްރާއީލުން ބޮންއެޅީ އެއީ ރައްކާތެރިތަނެއްގެ ގޮތުގައި ކަނޑައެޅުމާއެކު އެތަނަށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ގޮސް ރައްކާތެރިކަން ހޯދައިގެން ތިއްބައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އދ. ގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކުރާ މިންވަރު އާދަޔާ ޚިލާފަށް ގިނައެވެ. އަދި ޣައްޒާގައި ފިލައިގެން އުޅޭ އިސްރާއީލު ސިފައިންގެ ސްނައިޕަރުން ނުވަތަ ވަކިވަކި ފަރުދުން މަރާ ސިފައިންގެ ހަމަލާތައްވެސް ބޮޑެތި މީހުންނަށްވުރެ ގިނައިން އަމާޒުކުރަނީ ކުޑަކުދިންނަށެވެ. މިފަދަ ހަމަލާތަކުގައިވެސް އެތައް ސަތޭކަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

ނުރައްކާތެރި ދެ މުޖްރިމުންކަމަށް ތުހުމަތު ކުރެވޭ އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު

މީގެއިތުރުން ޣައްޒާގެ ކުޑަކުދިންގެ ފަޔަށް ޚާއްސަކޮށްގެން އިސްރާއީލުގެ ސްނައިޕަރުން ބަޑިޖަހާކަންވެސް އދ. ގެ މަސްއޫލުވެރިން ވަނީ ފާހަގަ ކުރައްވައެވެ. ކުޑަކުދިންގެ ފަޔަށް ބަޑިޖެހުމުގެ ނަތީޖާއަކަށްވަނީ އެ ކުދިންގެ ފައި ބުރިކޮށްލަން ޖެހުމެވެ. މިކަމުގެ ބޭނުމަކީ ނުކުޅެދޭ ބަޔަކަށް ޣައްޒާގެ ކުޑަކުދިން ހެދުމެވެ.

ޣައްޒާގެ ކުޑަކުދިން މެރުމަށާއި ކުޑަކުދިން ނުކުޅެދޭ ބަޔަކަށް ހެދުމުގައި އިސްރާއީލުގެ ބޭނުމަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އިތުރުން ބޮޑެތިވާ ފަލަސްތީނުގެ ކުޑަކުދިންނަކީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ އެއްވެސް ހަރަކާތެއް ނުކުރެވޭ ނުކުޅެދޭ ބަޔަކަށް ހެދުންކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ލީޑަރުން ވިދާޅުވާގޮތުގައި ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން ނުވަތަ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ފައްސާލައިގެން އަމާންކަމާއެކު ފަލަސްތީނުގެ ބިމުގައި އޮންނަން އިސްރާއީލު ބޭނުންވެއެވެ. ފާއިތުވި 76 އަހަރު ތެރޭގައިވެސް މިކަން ހާސިލް ވެފައި ނުވަނީ ފަލަސްތީނުގެ ރައްޔިތުން ޚާއްސަކޮށް ޒުވާނުން އިސްރާއީލާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދުގެ ސަބަބުންނެވެ.

ފަލަސްތީނުގެ ކުޑަކުދިން އެ ކުދިންގެ މަންމައިންގެ ރަހިމުގައި އޮއްވައި ޝަހީދުކޮށްލާނަމަ އަދި އުފަންވާކުދިން އެ ކުދިންގެ ތުއްތު ދުވަސްވަރުގައި މަރާލާނަމަ ނުވަތަ ފަޔަށް ބަޑިޖަހައި ނުކުޅެދޭ ބަޔަކަށް އެ ކުދިން ހަދާނަމަ ހަމާސް ފަދަ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގައި އިސްރާއީލާ ދެކޮޅަށް މުސްތަގްބަލުގައި ހަރަކާތްތެރިވާނެ ޒުވާނުން މަދުވެ ޖިހާދުގެ ހަރަކާތްތައް ހުއްޓޭނެކަމަށް އިސްރާއީލު ދެކެއެވެ. މިކަން އިސްރާއީލުގެ މަސްއޫލުވެރިންގެ ބަޔާންތަކުންވެސް ވަރަށް ކުރީއްސުރެ ހާމަވެއެވެ.

އިސްރާއީލަކީ ކުޑަކުދިން މަރާ މުޖްރިމު ގައުމެއް ކަމަށް ކަނޑައަޅާ ގަރާރު އދ. ން ނެރުމާއެކު "ދުނިޔޭގެ ޝޭމް ލިސްޓަށް" އިސްރާއީލުގެ ނަން އަރާނެއެވެ. މިއާއެކު މުޅި ދުނިޔޭގައި އިސްރާއީލު އެކަހެރިވެ އިސްރާއީލާ މުއާމަލާތް ކުރުން ވަރަށް ގިނަ ގައުމުތަކަކުން ހުއްޓާލާނެކަމުގެ ބިރު އިސްރާއީލުން އިހުސާސް ކުރާކަމަށް އިސްރާއީލުގެ "ޗެނެލް -13" ބުނެއެވެ. މިގަރާރު ނެރެފާނެތީ އިސްރާއީލުގެ ޖަރީމާތައް ދިފާއުކުރައްވާ އެމެރިކާގެ މަސްއޫލުވެރިން ވެސް ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރަކީ ނުރައްކާތެރި ދެ މުޖުރިމުން ކަމަށް ބެލެވޭތީ އެ ދެ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައެވެ. މި އަމުރު އަންނަ މަހު ނެރޭނެކަމަށް ވަނީ ބެލެވިފައެވެ.