އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން, މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ދެވަނަ ބުރުން, ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ މިކުޅުންތެރިޔާ ޖާގަހޯދީ ފުރަތަމަ ބުރުގައި ފަރަންސޭސިވިލާތުގެ ޕިއޭ ހޫގެސް ހާބާޓްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ޖޯކޮވިޗް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް، ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ.

މިމެޗުގެ ދެވަނަ ސެޓުގައި ހާބާޓްވަނީ ރަނގަޅު ކުޅުމެއް ދައްކައި އެސެޓު ޓައި ބްރޭކަކަށް ގެންގޮސްފައެވެ. ނަމަވެސް ޖޯކޮވިޗްވަނީ ޓައި ބްރޭކް ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ.

ގްރޭން ސްލޭމްގެ 24 މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޯކޮވިޗްއަށް މިއީ އެހާ ކާމިޔާބު ސީޒަނެއް ނޫނެވެ. މިގޮތުން މިސީޒަންގައި މިހާތަނަށް އެއްވެސް މުބާރާތެއްގެ ފައިނަލަށް ޖޯކޮވިޗް ދަތުރު ކޮށްފައެއް ނުވެއެވެ. އެހެން ކަމުން 25 ވަނަ ފަހަރަށް ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް ޖޯކޮވިޗް ކުރާ މަސައްކަތުގައި މިފަހަރު ވާނީ ކިހިނެއް ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ އޭނާ މުބާރާތުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މިމުބާރާތުގެ ދެވަނަ ބުުރުގައި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި 63 ވަނައަށް ރޭންކް ކުރެވިފައިވާ ރޮބާޓޯ ކާބަޔާސް ބައޭނާއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު 13 ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ ހޮލްގާ ރޫން އާއި އިނގިރޭސިވިލާތުގެ ޑޭން އިވާންސް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ރޫންއެވެ. އޭނާ މިމެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.

ފަސްވަނައަށް ސީދު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ޖަރުމަނުވިލާތުގެ ޑޮމިނިކް ކޮއެފާ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ މެޑްވެޑޭވްއެވެ. މިމެޗުގެ ފުރަތަމަ ދެސެޓު ހައެއް ތިނެއް އަދި ހައެއް ހަތަރަކުން މެޑްވެޑޭވް ކާމިޔާބު ކުރި ނަމަވެސް ތިންވަނަ ސެޓު ކޮއެފާ ކާމިޔާބު ކޮށްފައިވަނީ ފަހެއް ހަތަކުންނެވެ.

ހަތަރުވަނަ ސެޓު މެޑްވެޑޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

މީގެއިތުރުން ހަތްވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑް އާއި ބްރެޒިލްގެ ފެލީޕޭ އަލްވޭސް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ ރޫޑްއެވެ. މިމެޗުގެ ސެޓުތައް ރޫޑް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.