ފްރެންޗް އޯޕަން ނުވަތަ ރޯލަންޑް ގެރޯސްގެ އަންހެން ސިންގަލްސް އިނެވެންޓްގެ ދެވަނަ ބުރުން މިމުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ސަބަލެންކާ ޖާގަހޯދައިފާވަނީ ފުރަތަމަ ބުރުގައި އެރީކާ އެންޑްރީވާއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެސެޓުން އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ.

މިސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އެތަށި ދިފާއު ކޮށްފައިވާ ސަބަލެންކާ މިމުބާރާތާއި ކުރިމަތި ލާފައިވަނީ އެންމެ ފަހުން މެޑްރިޑް އާއި ރޯމްގައި އޮތް ކްލޭ ކޯޓު ދެ މުބާރާތުގެ ފައިނަލްގައިވެސް ކުޅުމަށްފަހުއެވެ. ނަމަވެސް އެދެ މުބާރާތުގައިވެސް އޭނާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއެވެ.

އެހެން ކަމުން މިމުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހާސިލް ކުރުމަށް އޭނާ ވަނީ ބޭނުންވެފައެވެ. ވާރޭ ވެހުމުގެ ސަބަބުން ގިނަ މެޗުތަކެއްގެ ފެށުން ލަސްވިއެވެ. މިގޮތުން ސަބަލެންކާ ކުޅުނު މެޗު ވެސް ފެށުނީ ކުރިން ކުޅޭން ހަމަޖައްސާފައި އޮތް ގަޑިއަށް ވުރެ ފަހުންނެވެ.

މިމުބާރާތުގައި ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއި ބެލްޖިއަމްގެ ގްރީޓް މިނެން ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ރީބަކީނާއެވެ. އޭނާ މިދެސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.

މީގެއިތުރުން 10 ވަނައަށް ސީޑު ކުރެވިފައިވާ ޑާރިއާ ކަސަޓްކީނާ އާއި ޕޯލަންޑްގެ މަގްޑެލޭނާ ފްރެޗް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ކަސަޓުކީނާއެވެ. އޭނާ މިމެޗުގެ ދެސެޓު ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހެއް އަދި ހައެއް އެކަކުންނެވެ.

ކެރިއަރުގެ އެންމެ ފަހު މުބާރާތް ކުޅެމުންދިޔަ ފަރަންސޭސިވިލާތުގެ އެލީޒު ކޯނޭއަށް މިފަހަރުގެ ފްރެންޗް އޯޕަންގައި މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އޭނާވަނީ ފުރަތަމަ ބުރުގައި ހަތް ވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ގިންވެން ޒެން އާއި ބައްްދަލުކޮށް ސީދާ ދެސެޓުން ބަލިވެފައެވެ.

މިމެޗުގެ ދެސެޓުން ޒެން ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް އެކަކުންނެވެ. އޭނާގެ އެންމެ ފަހު މުބާރާތް ތާރީޚީ މުބާރާތަކަށް ނުހެދުނު ނަމަވެސް ފްރެންޗް އޯޕަން އިންތިޒާމް ކުރާ ފަރާތުން ވަނީ 19 އަހަރުގެ ކެރިއާ ނިންމާލި ކޯނޭއަށް ފާހަގަ ކޮށްލެވޭ އަލްވަދާއެއް ކިޔާފައެވެ. މިގޮތުން އޭނާގެ މެޗު ސެންޓާ ކޯޓުގައި ކުޅުމުގެ އިތުރުން މެޗަށްފަހު އޭނާގެ ކެރިއާއަށް ބިނާކޮށް ހަދައިފާވާ ވީޑިއޯއެއްވަނީ ދައްކާފައެވެ.

މިމުބާރާތްވީ އޭނާ ފްރެންޗް އޯޕަންގައި ވާދަކުރި 20 ވަނަ ފަހަރަށެވެ. އުމުރުން 34 އަހަރުގެ ކޯނޭ އެންމެ ފުރަތަމަ މިމުބާރާތުގައި ވާދަކޮށްފައިވަނީ އުމުރުން 15 އަހަރުގައެވެ.