ފިލްމީ ތަރިންނާ ގުޅޭގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުރުހުމުގެ ބަސްތައް ރައްދުކުރުމަކީ އާއްމުކަމެއް ކަމަށާއި އިރެއްގައި އެ ކަމާ ކަންބޮޑުވެ, ދެރަވި ނަމަވެސް މިހާރު އެ ކަމަށް ސަމާލުކަމެއް ނުދޭކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

މާދަމާ ސިނަމާތަކުގައި ރިލީޒްކުރާ ޖާންވީގެ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"އާ ބެހޭގޮތުން ފިލްމުފެއައަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނީ، އެހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް ހަގީގަތާ ޚިލާފު ވަރަށް ގިނަ ވާހަކަތައް ޖާންވީއާ ބެހޭގޮތުން ވެސް ސޯޝަލް މީޑިއާއިން ފެންނަ ކަމަށެވެ.

މީގެ ކުރިން އެފަދަ ސުރުޚީތަކުން ނުތަނަވަސްކަން އިހުސާސްވިޔަސް މިހާރު އެ ކަމާ އެހާ ބޮޑަށް އަޅާނުލާ ކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

ޖާންވީ ދެކޭގޮތުގައި ސޯޝަލް މީޑިއާގެ ވަސީލަތް ބޭނުންކޮށްގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުޅުވިފައިވާއިރު އެފަދަ ޚަބަރުތައް ކިޔާ މީހުންގެ ތެރެއިން ވެސް ހަގީގަތް އެނގޭނެ ގިނަ ބަޔަކު ތިބޭނެއެވެ. މީޑިއާތަކުން ވެސް ފަތުރާ ހުރިހާ ހަބަރަކީ ބައެއްފަހަރު އެއްވެސް ބުރަދަނެއް އޭގައި ނުހުންނަ ޚަބަރުތައްކަން އެނގިތިބެ އެކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރާ މީހުން ވެސް އެބަތިބި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީ ކަޕޫރު އަދި ރާޖްކުމާރު ރާއޯ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޑައިރެކްޓަރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ނަމަވެސް ޖާންވީގެ އުއްމީދަކީ ބަތަލާއަށް ތާއީދުކުރާ ބެލުންތެރިންގެ ތެރެއިން ވެސް ފެންނަ ޚަބަރުތަކާ އާއްމުން ފާޅުކުރާ ހިޔާލުތަކުގެ ދެ ފުށް ބެލުމަށްފަހު ގޮތެއް ނިންމުމެވެ. ސަބަބަކީ ސޯޝަލް މީޑިއާއިން އާއްމުކޮށް ފެންނަ ގިނަ ޚަބަރުތަކާއި ހިޔާލު ފާޅުކުރުން ތަކަކީ އެއަށް ފޮނިތޮށި ކާފޫރުތޮޅި އެއްކުރުމަށް ފަހު އާއްމުކުރެވޭ ޚަބަރުތައް ކަމަށްވާތީ ކަމުގައި ބަތަލާ ވަނީ ބުނެފައެވެ.

ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދަޅަކް"އިން 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ތަޢާރަފުވި ޖާންވީއަކީ ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ތަރިއެކެވެ. ޖާންވީ މި އަހަރު ދެ ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އޭގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމަކީ ޖުލައި މަހުގެ ފަހެއްގައި ސިނަމާތަކުގައި އަޅުވާ ފިލްމު "އުލަޖް"އެވެ.