"ތިބާގެ ލޯބިވާ މީހުން ނެތްތަނެއްގައި އެމީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ހެޔޮ ދުޢާކޮށްދިނުމެވެ."

***

"އަނހަ...އުރޫޖް...ފަހަދް އާއި އެކީ....." މާޒިމްގެ މޫނު މަތީން ފެންނަމުން ދިޔައީ ލުއި ހިނިތުންވުމެކެވެ. އުރުޖުވާން އަށް ވިސްނައިނުގަނެވެނީ މާޒިމް އެހާ އުފާ ވާންވީ ސަބެބެކެވެ. އެހެން ފިރހެނަކާއެކީ އައިތަން ފެނުމުން އެހިތަށް އެއްވެސް އަސަރެއް ނުކުރަނީ ބާއެވެ. އުރުޖުވާންގެ މޫނުން ހިތް ހަމަނުޖެހިފައި ހުރިކަން ވަރަށް ސާފުކޮށް މާޒިމް އަށް ކިޔައިލެވުނެވެ.

"ވާނެ ދޯ ދެން މިހާރު ދިމާވީމަ އެކީ ކަމެއް ކޮށްލަން....." ފަހަދް ޚިޔާލުދިނެވެ. އުރުޖުވާން އާއި އެކަނި ވެލަން ބޭނުންވެފައިވީ ނަމަވެސް ފަހަދް ގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. އެވަގުތު އެ ތަނަށް ވެރިވީ ނުތަނަވަސް ހިމޭންކަމެކެވެ. ވަޅިއަކުން ކަނޑައިލެވޭހާ ވަރަށް ހިމޭންކަން ފުންވިއެވެ. ތުނިކޮށް ވެހެން ފެށި ސްނޯ ބޯކޮށްލީވެސް އެވަގުތުގައެވެ. ހިމޭންކަމާއެކު ސްނޯގެ އެތިކޮޅުތައް އެންމެންގެ ގައިގާ ބޮސްދެމުން މައްލަވަ ކުރަމުން ދިޔައެވެ. އުރުޖުވާން އަށް ދުރުން ޒެލްޑާ ހަނާ އަޅާތަން ފެނުމުން ދުއްވައިގަނެވުނީ އެ ދިމާއަށެވެ. އުދަގޫ ޚިޔާލުތަކުން ފިލުމަށް ހިތް ބޭނުންވީއެވެ.

***

ޒެލްޑާ އަށް ފަރަހް އާއި ފަހަދް އެއީ އުރުޖުވާން އާއި ގާތް ބަޔެއްކަން ވިސްނިގެން އެމީހުންވެސް ބައިވެރިވާނޭހެން ކެއުން އިންތިޒާމްކުރިއެވެ. ފަރަހް ގެ ލޮލުގެ ހިމަ ކޮޅުން އުރުޖުވާން އަށް ލޯ އަޅައިލަނީ ވަރަށް އުނދަގު ވެފައި ހުރެއެވެ. ޒެލްޑާ އާއި އެ ބާއްވާ ގާތް ކަމާއި ސުވާލު އުފައްދަމުންނެވެ. އަދި މާޒިމް ވެސް އެމީހުންނާއި ދިމާވި ގޮތް ކިޔައިދިނުމުން ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ހުޅު އިތުރަށް ބޮޑުވިއެވެ.

" ދަރިފުޅު....އެއީ ކާކުތަ؟ވަރަށް އެހެން ގޮތަަކަށް އެ އަންހެން ކުއްޖާ އެ ލޯ އަޅަނީ....އަނެއްކާ ކަމެއް ގޯސް ވީތަ؟" ޒެލްޑާ ސުވާލު ކުރީ އުރުޖުވާން އާއި އެއް ކައިރިޔަކަށް ޖެހިލަމުންނެވެ. އެއިރު އެމީހުން ތިބީ ތަށި ތައް މޭޒަށް އެރުވުމުގެ ތައްޔާރީގައެވެ. ޒެލްޑާއަށް ވެސް ފަރަހް ގެ ނަޒަރުގައި ވި ނަފްރަތާއި ރުޅިވެރިކަން އިހުސާސްކުރެވުނީއެވެ. އުރުޖުވާން ގެ ޚިޔާލުތައް އަދިވެސް ދަތުރުކުރަމުން ދިޔައީ މާޒިމް ސިއްރުކުރަން ބުނި ވާހަކައާއި މެދުގައެވެ. އެހެންކަމުން ޒެލްޑާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ ހިނިތުންވެލައި ބޯ ހޫރާލީއެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރިވަރުން ކަންފަތަށް އިވުނީ ފަހު ސުވާލު އެކަނި ވީމައެވެ. ފަހަދް އާއި މަސައްކަތުގެ އެކި ވާހަކަތައް ހިއްސާކުރަން މޭޒުދޮށުގައި އިން މާޒިމް ގެ ނަޒަރު ހުއްޓެމުން ދިޔައީ އުރުޖުވާން އަށެވެ. އުރުޖުވާން ގެ މޫނު މަތި މިލައިފައިވާ ކަމުގެ އިހުސާސް ކުރެވޭތީ ހިތަށް އުނދަގޫ ކުރުވަނީއެވެ. ފަހަދް ގެ ވާހަކަދެއްކުމަކަށް ހުއްޓުމެއް ނެތެވެ. ހީވަނީ މާބޮޑަށްވެސް އަނގަގަދަ ވެފައި ހުރި ދުވަހެއް ހެންނެވެ.

"މަޑުކޮށްލައްޗޭ.....އެބަ އަންނަން...." ފާޚާނާއަށް ދާންޖެހިއްޖެ ކަމުގެ އިޝާރާތެއް ކޮށްލުމަށްފަހު މާޒިމް ހިނގައިގަތީ އަސްލު އުރުޖުވާން އާއި ވާހަކަ ދެއްކުމުގެ ނިޔަތުގައެވެ. އެއިރު އުރުޖުވާން ވެސް ބަދިގެ ދިމާލުން ސިޓިންރޫމަށް ދާން ހިނގައިގަތީއެވެ.

" އަ މިނިޓް......" ސިޑިމަތީން ބާރު ދުވެލީގައި ދުވަމުން މައްޗަށް އަރަމުން ދިޔަ އުރުޖުވާން ގެ އަތުގައި ހިފައިލީ މާޒިމް އެވެ. އުރުޖުވާން އަށް އެ އަތުގައި ހިފީ ކާކުކަން ރަނގަޅަށް އެނގެއެވެ. ފަސްއެނބުރި ބަލައިލާންވެސް ނުޖެހޭނެއެވެ. ހިނދުކޮޅަކަށް އެ ހިތަށް ފިނިކަމާއި އުފާވެރިކަން ވެރިވިއެވެ.

" ހަމަ އެންމެ މިނިޓެއް؟" އުރުޖުވާން ސުވާލުކޮށްލީ ރާގެއްގައެވެ. މައުސޫމުކަން އެ އަޑުގައިވި އިންތިހާއަށެވެ.

" ނޫން....ހޯލް ލައިފް....." މާޒިމް ސިޑީގެ ހަރުފަތް އުރުޖުވާން އާއި އެއް ހަމަ ކުރިއެވެ. އަދި އުރުޖުވާން ގެ ރަކި މޫނު ފޮރުވައިގެން ހުރި ކަމުން އެ ދިމާއަށް ބޯ އަނބުރާލިއެވެ.

" ހޯލް ލައިފް އަކީ ހާދަ ކުޑަ ވަގުތުކޮޅެއް.....ހަމަ ދެން އޮތް ސިކުންތުގަ މަރުވެސް ވެދާނެ އެއްނު...." ރަކި ނުވާކަމަށް ހަދައި އުރުޖުވާން ޖަދަލުކުރިއެވެ.

"في الدنيا والآخرة..." ދުނިޔެއާއި އާއި އަދި އާޚިރަތުގައިވެސް އުރުޖުވާން ބޭނުންވާކަމަށް އެގޮތަށް ބުނުމުން އުރުޖުވާންއަށް ޝޮކެއް ލިބުނެވެ. މާޒިމް އަރަބި ބަސްދަސްކުރީ ކިހިނެއްހެއްޔެވެ؟ ގުރުއާން ކިޔަވަންފެށީހެއްޔެވެ؟ ނޫނީ އޭނަ ކިޔަވާއިރު އަޑުއަހާ މާނަވެސް ދަސްކުރަނީކަމަށް ވެދާނެއެވެ. މާޒިމްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ދުލުން އެ އިޒްހާރު ކުރި ބަހުގެ ތެދުކަން އެ މުނު މަތީން ފާޅުވެއެވެ. އުރުޖުވާން ގެ ލޮލުގެ ވިދުން ގަދަވިއެވެ. ހަގީގަތުގައިވެސް މާޒިމް އޭނާ ދެކެ އެހާ ލޯބިވޭ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އެ ހިނދުކޮޅު ޚަރާބުކޮށްލީ ފަރަހް ކައިރިން ސިއްރުކުރަން ބުނި ވާހަކަ ހަނދާނަށް އައުމުންނެވެ. އުރުޖުވާންގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެ މާޒިމްއާއި ވީހާވެސް ދުރަށް ގޮސް ގެއްލެން ބޭނުންވިއެވެ.

ފަރަހް އިނީ މާޒިމް ދިޔުމުން ފޫހިވެފައެވެ. މާޒިމް ދިޔައީ އުރުޖުވާން ފަހަތުން ކަން އެނގޭތީއެވެ. އޭނަ ފޯނާއި ކުޅޭކަމަށް ހެދުނެވެ. ފަހަދް ގެ މޫނުގައިވީ ހާސް ކަމެކެވެ. ހީވީ ގޯސްކޮށް ކަމެއް ކުރެވުނީހެންނެވެ. ކުށްވެރިވެފައިވާ ގޮތަކަށް އޭނަ ފަރަހް އަށް ބަލަމުންދިޔައެވެ.

" ފަހަދް އަށް ތިކަން އެބަ ވޭތަ؟" ފޫހި ގޮތަކަށް ތުން ދަމާލަމުން ފަހަދް ކައިރީ އިށީން ފަރަހް ވާހަކަދެއްކިއެވެ. މި ދަތުރުގައި ފަހަދް ގެނައުމުގެ އެންމެ ބޮޑު މަގްސަދަކީ މާޒިމް އާއި އުރުޖުވާން ދުރުކުރުވުމެވެ. ފަރަހް ބޭނުންވާގޮތެއްގައި ރޭވުންތެރިކަމާއެކު އޭނާ ބުނާ ގޮތަކަށް ފަހަދް އަމަލު ކުރުމަށެވެ. ފަހަދްގެ ޝަޚުސިއްޔަތާއި ޟަމީރު ތަންނުދިނަސް ފަރަހްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ނުބައި ގޯޅިއަކުން އަޅަން ވަނީ މަޖުބޫރުވެފައެވެ.

" ޕްލީޒް....ހޭވް ސަމް މާސީ...." ފަހަދް ގެ އަޑުގައިވީ ވޭނެވެ. އަދި ފަރަހް ގެ ބަނޑުގައި ފިރުމާލަދިނެވެ. ފަރަހް ވަގުތުން ފަހަދް ގެ އަތް ފޮޅާލީ ނަޖިހެއް ޖެހުނު ހެން ހީވާ ފަދަ ގޮތަކަށެވެ. އަދި ވަށައިގެން ހޯދައި ބަލައިލީ އެއްވެސް މީހަކަށް އެ މަންޒަރަރު ފެނިފައިވޭތޯ ބަލަމުންނެވެ.

***

އުވެއިސް އަށް ދެމުން ގެންދާ ހަރުކަށި އަނިޔާތަކުގެ ޚަބަރު އިވޯންއަށް އަޑު އިވުމާއެކު ރޮތްސްވިލް އާއި ހަމަޔަށް ދިޔައީ އަލިފާންވެފައި ހުރެއެވެ. އޭނަގެ ބައްޕަކަމުގައި ވިޔަސް ކުރިމަތިލީ ރުޅިވެރިކަމާއެކުއެވެ. އޭނާއަށް ބައްޕަގެ ހުރި ނުބައި ނުލަފާކަން ރަނގަޅަށް އެނގޭތީވެ އުވެއިސް އަށް ކުރާނެ އަނިޔާ ފަހުމްކޮށްލަންވެސް އުނދަގޫވެއެވެ. އެހާވެސް ހަރުކަށި އަދަބުދިނުމުގައި ބައްޕަގެ ނަންވަނީ މަޝްހޫރުވެފައެވެ. އެހެން ޖިންނި ރަސްކަލުންވެސް އޭނަގެ ޖައްބާރުކަންދެކެ ބިރުގަނެއެވެ.

" އުވެއިސް ދޫކުރޭ....ހަމަ މިހާރު...." އިވޯން ބޮޑާހޭކުމުގެ ރާގުގައި ވާހަކަދެއްކިއެވެ. އެ ގަނޑުވަރުގެ ފާރުތަކުގައިވި ހިމޭންކަން ކަނޑައިލީ އިވޯން ގެ ތޫނު އަޑުންނެވެ.

"ނޫން....އަދި ވަގުތު ނުޖެހޭ....އީވޯން އަކަށް ނޫން އެނގޭނީ އޭނަ ދޫކުރަންވީމަ، މަށަށް އެނގޭނީ.....އެނގިއްޖެ؟" ރޮތްސްވިލް ގެ މޫޑު ވަނީ މުޅިން ސަކަރާތްވެފައެވެ. އީވޯންގެ ރުޅިގަނޑު ފަޅައިގެން ގޮސް ރޮތްސްވިލްއާއި ދިމާއަށް އުދުހިގަތީ ވައިސޫރިއެއް ފަދައިންނެވެ. ރޮތސްވިލް ގެ މޫނު ފޮރުވިފައިވީ ކަނު އަނދިރި ފަރުދާއަކުންނެވެ. ކައިރި ވެފައި ބަލައިލުމުން އެ މޫނުން ފެނުނީ ވޭނެއް ލިބެމުންދާކަމެވެ. އެކަން އިހުސާސްވުމުން އިވޯންގެ ރުޅިގަނޑު ފިނިވިއެވެ.

"ބައްޕާ...." އިވޯން އަށް ގޮވާލެވުނީ ކަންބޮޑުވެފައިވާ އަޑަކުންނެވެ.

" މި..މި..މިތަނުން ދޭ......" ގައިގާ ވޭން އަޅަމުން ދިޔަ ރޮތްސްވިލްއަށް ބުނެވުނީ އުދަގޫގޮތަކަށެވެ. އިވޯން އެތަނުން ނުދާން އެދި ރޮތްސްވިލް ގައިގަ ފިރުމާލަން އުޅުމުންވެސް އިވޯން ކޮށްޕައި ދުރަށްލީ ވަރަށް ބާރުމިނުގައެވެ. ރޮތްސްވިލް އަށް ލިބެމުން ދިޔަ ވޭނާއި އުދަގުލަކީ ނަބީލާ އަށް ރުޤްޔާކޮށް ކިޔެވުމުގެ ސަބަބުން ވާ ކަންތައްތަކެވެ.

***

އުވެއިސް ގެ ގައިގާ އަލިފާނުގެ ހިލަހިލާ ޖަހައިފައި ވީ އިރު މުޅި ގައިގާ އަޅަމުން ދިޔަ ވޭނަށް ކެތްކުރެވޭނޭ ހިތްވަރެއް އެގަޔަކު ނެތް ފަދައެވެ. ވިސްނެމުންދިޔައީ އަމިއްލަ ނަފްސަށް އެހީވާނެ ފަރާތެއްގެ މަތީންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތިމާގެ ރައްބެއް ވޮޑިގެންވާނެ ކަމަށް ވިސްނެންފެށުނެވެ. އެހެން ހުރިހާ އެއްޗެއް މިހާ ފުރިހަމަށް ހެއްދެވި ޚާލިގަކުވާނެއެވެ. މިއޮތްބޮޑު ކައުނުގެ ހުރިހާކަމެއް އެހާ ފުރިހަމަކަމާއެކު ހިނގާނީ އިލާހީ އޮނިގަނޑެއްގެ ތެރެއިން ނޫންހެއްޔެވެ؟ މި ވޭނުން ސަލާމަތް ކުރެވޭނޭ ބާރެއް ހުންނާނެ ކަމަށް ގަބޫލުކުރެވެމުން ދިޔައެވެ. މަދީނާގެ ދީނީ ވާހަކަތައް ހަނދާނައް ގެނެވުނެވެ.

" ރައްބު...ރައްބު....." އުވެއިސް ގެ އަނގައިން އެ ލަފްޒު ބޭރުކުރެވުނީ ވައި އަޑަކުންނެވެ.ﷲގެ ނަންފުޅުން ގޮވަން ނޭގުނީ ޖާހިލު ކަމުން ނަމަވެސް އެ ހިތުގައިވި ނިޔަތް ސާފެވެ. އޭނައަށް އެހެން ބުނެވުމާއެކު ވޭނާއި އުދަގޫތަކަށް ލުއި ލިބުނު ހެން ހީވެން ފެށިއެވެ. ގަދަކަމުން ނަމަވެސް މަދީނާ ކިޔަވާ އާޔަތްތައް ހަނދާނަށް ގެނައުމަށް މަސައްކަތް ކުރިއެވެ.

ނުނިމޭ