ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ތަށި ގްރީސްގެ އޮލިމްޕިއާކޯސްއިން އުފުލާލައިފިއެވެ.

މިމުބާރާތުގެ ތަށި އޮލިމްޕިއާކޯސްއިން ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ފިއޮރެންޓީނާއާ ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލް މެޗު މިފަހަރު ކުޅެފައިވަނީ ގްރީސްގެ ވެރިރަށް އެތެންސްގައި ކަމުން އެކަމުގެ ފައިދާ އޮލިމްޕިއާކޯސްއަށް ވަރަށް ރަނގަޅަށް ލިބުނެވެ. އަދި މިމެޗު ކުޅެފައިވަނީ އެޓީމުގެ އެންމެ ވާދަވެރި ޓީމު ކަމުގައިވާ އާއީކޭ އެތެންސްގެ ދަނޑުގައި ކަމުން މިއީ އެޓީމަށް ލިބުނު އިތުރު ހިތްހަމަ ޖެހުމަކަށްވަނީ ވެފައެވެ.

މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ އިތުރު ދެ ހާފުގައި އޮލިމްޕިއާކޯސްއިން ވަނީ ކުރި ހޯދައިފައެވެ.

މިމެޗުގައި އޮލިމްޕިއާކޯސްގެ ތަރިއަކަށްވީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދަމުންދާ މޮރޮކޯގެ ފޯވަޑް އައްޔޫބް އެލް ކާބީއެވެ. އޮލިމްޕިއާކޯސްއިން މިމެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެލް ކާބީ ޖަހައިދީފައިވަނީ މެޗުގެ 116 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމުން ޖަހައިފާވަނީ މިމެޗުގެ ފުރިހަމަ ވަގުތާއި އިތުުރު ވަގުތުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމި ޕެބަލްޓީއަށް ހިނގައިދާނެކަމަށް ހީވެފައިވަނީކޮށެވެ. މިފަހަރުގެ މުބާރާތުގައި އެލް ކާބީވަނީ 11 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު އޮލިމްޕިއާކޯސް ވެފައިވަނީ ޔޫރަޕްގެ މުބާރާތެއް ކާމިޔާބު ކުރި ގްރީސްގެ ފުރަތަމަ ކްލަބަށެވެ.

އޮލިމްޕިއާކޯސް ވެގެންދިޔައީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ވާދަކުރި އެޤައުމުގެ ދެވަނަ ކްލަބަށެވެ. މީގެކުރިން 1971 ވަަނަ އަހަރުގެ ޔޫރަޕިއަން ކަޕްގެ ފައިނަލްގައި ޕެނަތިނައިކޯސްވަނީ އަޔެކްސް އެމްސްޓަޑަމް އާއި ވާދަކޮށް ބަލިވެފައެވެ.

އޮލިމްޕިއާކޯސްއަށް މިއީ ތާރީޚީ ކާމިޔާބީއަކަށްވިއިރު ޔޫރަޕްގެ ހަވަނަ ފައިނަލްގައި ވާދަކުރަމުންދާ ފިއޮރެންޓީނާއަށް މިއީ ކޮންފަރެންސް ލީގުގެ ފައިނަލްގައި ވާދަކޮށް ޖެހިޖެހިގެން ބަލިވި ދެވަނަ ފައިނަލްއެވެ. ފިއޮރެންޓީނާވަނީ މިދިޔަ ސީޒަންގައި ވެސްޓް ހޭމް ޔުނައިޓެޑައި ބައްދަލުކޮށްވެސް މިމުބާރާތުގެ ފައިނަލުން ބަލިވެފައެވެ.