31 May 2024, 14:48
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ހަނގުރާމަކޮށްދިން ސްރީލަންކާގެ އެތައް ސަތޭކަ ސިފައިންގެ އިތުރުން ޔޫކްރެއިންގެ ޖަލުތަކުގައި ތިބި ލަންކާގެ އަސީރުން މިނިވަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލަންކާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް ގަވާއިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ މައްސަލައިގެ ތަހުގީގެއް މި މަހު ލަންކާއިން ވަނީ ފަށައިފައެވެ. އެގޮތުން، ރަޝިއާއަށް ހަނގުރާމަކޮށްދިނުމަށް ލަންކާގެ 455 ސިފައިން ގޮސްފައިވާކަން މިހާތަނަށް ވަނީ ހޯދައިފައެވެ.
އެ މީހުން ދޫކޮށްލުމުގެ މަޝްވަރާތައް ކުރުމަށް އަންނަ މަހު ލަންލާއިން ރަޝިއާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ތަރަކާ ބަލަސޫރިޔާ ވިދާޅުވިއެވެ.
ރަޝިއާއަށް ހަނގުރާމަ ކޮށްދިން ލަންކާގެ 16 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ލަންކާގެ ރައްޔިތުން ރަޝިޔާއާއި ޔޫކްރޭނަށް ދިއުން ހުއްޓުވަން،" ބަލަސޫރީޔާ ވިދާޅުވިއެވެ.
އެގޮތަށް ހަނގުރާމައަށް މީހުން ދަނީ ބޮޑު މުސާރައާއި، ބިން އަދި ރަޝިއާގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބުނުމުން އެކަން ގަބޫލުކޮށްގެން ކަމަށް ވެސް ބަލަސޫރިޔާ ވިދާޅުވިއެވެ.
ލަންކާގެ އިތުރުން އިންޑިއާ އަދި ނޭޕާލްގެ ސިފައިން ވެސް ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވެފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ހަނގުރާމައިގެ ތެރޭގައި މަރުވެފައެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރަޝިއާގެ އެތައް ހާސް ސިފައިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ. އެހެންވެ، ރަޝިއާއިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިފައިން ހޯދަމުން ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.