31 May 2024, 23:28
"ސޭފް އެންޑް އިންކްލޫސިވް" ނުވަތަ ރައްކާތެރި އެންމެން ޝާމިލްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އެއް ބިނާކުރުމުގެ އިތުރުން އެންމެންނަށް ވެސް އެ އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޓަކައި ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.
ޖެނީވާގައި މިހާރު ކުރިއަށްދާ އޭއައި ފޯ ގުޑް ގްލޯބަލް ސަމިޓް ފެށުމުގެ ގޮތުން ފޮނުއްވި ވީޑިއޯ މެސެޖެއްގައި އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ އޭއައިގެ ސަބަބުން ދުނިޔެއާއި ދިރިއުޅުން ބަދަލުވަމުންދާ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމަށެވެ.
"އޭއައި އަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް އިންގިލާބަކަށް ވެދާނެ. އެކަމަކު އޭގެ ގާބިލުކަން ހަގީގަތަކަށް ބަދަލު ކުރުމަށް ބޭނުންވަނީ ބަޔަސް އާއި ދޮގު މައުލޫމާތު އަދި ސަލާމަތީ ނުރައްކާތައް ކުޑަކޮށްދޭ އޭއައި އެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމިއްލައަށް އޭއައި ބޭނުން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އޭގެ ތެރޭގައި މިހާރު ގުޅިފައި ނުވާ ފަރާތްތައް ގުޅާލުމާއި ކޮމްޕިއުޓިން ޕަވާ އާއި ޑޭޓާ އަދި ގަވަނަންސްގެ ކެޕޭސިޓީ އިތުރުކުރުމާއި އޭއައި ޑިވެލޮޕަރުންނާއި ޑިޕްލޮއިކުރާ ފަރާތްތަކަށް ލޯކަލްކޮށް ފައިދާ ހިއްސާކުރުމަށް އިނާޔަތްތައް އުފެއްދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެނަށް ވެސް ވަދެވޭ ފަދަ ރައްކާތެރި އަދި އިންކްލޫސިވް އޭއައި އެއް ބިނާކުރުމަށް ބައިނަލްއަގުވާމީ ކޯޑިނޭޝަން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް އޮފް ދަ ފިއުޗަރގައި ބައިނަލްއަޤްވާމީ ޑިޖިޓަލް ކޮމްޕެކްޓެއްގެ އެއްބަސްވުމެއް އޮންނާނެކަން ފާހަގަކުރައްވަމުން ގުޓަރޭސް ވިދާޅުވީ، މި އުއްމީދީ ޙައްލުތަކުގެ ވަށައިގެން ހަރުދަނާކަން ޤާއިމުކުރުމަށް އެހީތެރިވެދެއްވުމަށް އޭނާ ހުރިހާފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެ، އެއްވެސް މީހަކު ފަހަތަށް ނުޖެހޭ ގޮތަށް އޭއައި ބޭނުން ކުރެވިދާނެ،" އޭނާގެ ވީޑިއޯ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ އޭއައި ފޯ ގުޑް ގްލޯބަލް ސަމިޓް ޖެނީވާގައި ބުރާސްފަތި ދުވަހު ފަށާފައި މިވަނީ އެއްވެސް ގައުމެއް ފަހަތަށް ނުޖެހޭ ގޮތަށް އުސޫލެއްގެ ގޮތުން އޭއައި ފްރޭމްވޯކްތައް ތަންފީޒު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
އައިޓީޔޫއިން ބުނީ މި ސަމިޓަކީ އދ.ގެ 40 އަށްވުރެ ގިނަ އެޖެންސީތަކާއި ސްވިޒަލޭންޑްގެ އެހީތެރިކަމާއި 300 ތަޖުރިބާކާރުންގެ ބައިވެރިވުމާއެކު ބާއްވާ ސަމިޓެއް ކަމަށެވެ.