31 May 2024, 23:37
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގައި "މިންގަނޑުތައް ހަރުދަނާ ކުރުމަށް" ޗައިނާއިން ތިން އަހަރުގެ އެކްޝަން ޕްލޭނެއް ނެރެފިއެވެ.
ރަސްމީ ބަޔާނެއްގައި ބުނީ ސެންޓްރަލް ސައިބާސްޕޭސް އެފެއާ ކޮމިޝަނާއި ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަން އަދި މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެން މި ޕްލޭން އާންމުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މި ޕްލޭންގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންނާއި މުއައްސަސާތަކުން ޖެނެރޭޓިވް އޭއައި، ބްލޮކްޗެއިން، ކްލައުޑް ކޮމްޕިއުޓިން، ކުއަންޓަމް އިންފޮމޭޝަން، ބްރެއިން ކޮމްޕިއުޓާ އިންޓަފޭސް، ނެކްސްޓް ޖެނެރޭޝަން އިންޓަނެޓް އަދި މެޓާވާސް ފަދަ ދާއިރާތަކުން ސްޓޭންޑަރައިޒޭޝަން ޕްރޮސެސް ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ސްޓޭންޑަރައިޒޭޝަން މަރުހަލާގެ މަގްސަދަކީ "ޓެކްނޮލޮޖީ އާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ބައިނަލްއަގުވާމީ ނުފޫޒު ތައް އިތުރުކުރުން" ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ސިސްޓަމެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގެ ނިޒާމުގެ މުހިންމު ބައެއް ކަމަށާއި ފެންވަރު ރަނގަޅު ތަރައްގީއެއް ހިންގުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ޕްލޭންގައި ވާގޮތުން 2027 ވަނަ އަހަރަށްފަހު، "ޓެކްނޮލޮޖީގެ އިނޮވޭޝަނަށް އިރުޝާދުދިނުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގައި މިންގަނޑުތަކުގެ ދައުރު ފުރިހަމައަށް އިޙްސާސްކުރެވި، ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ޗައިނާގެ ޙިއްޞާ އާއި ނުފޫޒު ވަރަށް ބޮޑަށް އިތުރުވާން ޖެހޭނެ."އެވެ.
އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީ ކުރުމަކީ ގައުމީ ސްޓްރެޓެޖިކް އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ޗައިނާއިން ކަނޑައަޅައި، 2030 ވަނަ އަހަރުގެ ކުރިން އޭއައިގައި ދުނިޔޭގެ ލީޑަރަކަށް ވުމުގެ މަގުސަދުގައި އޭއައި ޑިވެލޮޕްމަންޓް ޕްލޭނެއް ކުރިއަށް ގެންދިއުމަށް މީގެ ކުރިންވެސް ޗައިނާއިން ވަނީ ކަނޑައަޅާފައެވެ.
ޗައިނާ ސަރުކާރުން 2017 ވަނަ އަހަރު ނެރުނު ނިއު ޖެނެރޭޝަން އާޓިފިޝަލް އިންޓެލިޖެންސް ޑިވެލޮޕްމަންޓް ޕްލޭންގައި ވަނީ 2020 ވަނަ އަހަރުގެ ކުރިން އެމެރިކާގެ އޭއައި ގާބިލްކަން ޗައިނާއަށް ލިބި، 2025 ވަނަ އަހަރު އޭއައި ޕެރިޓީ ހާސިލްކޮށް، އެހެން ހުރިހާ ގައުމެއް ފަހަތަށް ޖައްސާލައި 2030 ވަނަ އަހަރުގެ ކުރިން ގްލޯބަލް އޭއައި އިނޮވޭޝަން ސެންޓަރަކަށް ވުމަށް ގޮވާލާފައެވެ.
މި ލަނޑުދަނޑިތައް ހާސިލްކުރުމަށް ޗައިނާއިން ދަނީ އޭއައި ރިސާޗްތަކަށް ބޮޑެތި ވަސީލަތްތައް އިންވެސްޓްކޮށް، ގައުމީ އޭއައި ލެބްތަކާއި ޓެކްނޮލޮޖީ ޕާކުތައް ގާއިމްކުރުމާއި، އަމިއްލަ އޭއައި ކުންފުނިތަކަށް އިނާޔަތްތައް ދިނުމާއި، އޭއައި ކޯސްތައް ތައުލީމީ ކަރިކިއުލަމްގެ ތެރެއަށް އެމްބެޑްކުރުމާއި، އަސްކަރީ އޭއައި އެޕްލިކޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
ޗައިނާގެ ޓެކް ކުންފުނިތައް ކަމަށްވާ ބައިޑޫ، އަލީބާބާ އަދި ޓެންސެންޓް ފަދަ ކުންފުނިތަކުން މި މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަނީ ގިނަ އަދަދެއްގެ ޔޫޒަރ ޑޭޓާ އާއި އެޑްވާންސް އޭއައި ޓެލެންޓް ޕޫލްތަކަށް ވަނުމުގެ ގާބިލްކަން ލިބިފައި ވުމުގެ ސަބަބުންނެވެ. ނަމަވެސް އެޑްވާންސް އޭއައި ސިސްޓަމްތަކަށް ބޭނުންވާ މަތީ ފެންވަރުގެ ސެމިކޮންޑަކްޓާ އުފެއްދުން ފަދަ މުހިންމު ބައެއް ދާއިރާތަކުގައި ޗައިނާ އަދިވެސް އޮތީ އެމެރިކާ އަށް ވުރެ ފަހަތުގައެވެ.