01 Jun 2024, 14:19
މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި މިނިސްޓަރުންގެ ބޮޑު ޓީމެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޯޝެން ރިސޯސެސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި އަަހަރުގެ އޯޝަންޑޭ ނުވަތަ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ރާވާފައިވާ ކަންތައްތަކާ ގުޅޭ ގޮތުްނ މައުލޫމާތު ހިއްސާ ކުރުމަށް އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު، މުހައްމަދު މުއްތަލިބު ވިދާޅުވީ، މި އަހަރުގެ ކަނޑުތަކުގެ ދުވަސް މިނިސްޓްރީން ފާހަގަ ކުރަން ނިންމައިފައި އޮތީ ވަރަށް ކުލަގަދަކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މީހުން ވެސް ޝާމިލުވާހެން ކަމަށެވެ.
ހަމައެކަނި މާލޭގައި ހިންގާ ހަރާކާތްތަކަކާއި މުޅި ރާއްޖޭގެ އެކި އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭނެ ހަރާކާތްތަކެއް ވެސް މި ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަނޑުތަކުގެ ދުވަހަކީ މި މަހުގެ އަށް ވަނަ ދުވަސް ނަމަވެސް މިއަދުން ފެށިގެން މި ހަރަކާތްތައް ފަށައިގެން ކުރިއަށްގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ތަފާތު ހަރަކާތްތަކެއް މި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ރާވައިފައިވާއިރު އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ކުރެހުމުގެ މުބާރާތެކެވެ. މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އޯޝެން ރިސޯސެސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އިބްރާހިމް ނާއިޝް
މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވެ ކުރެހުންތައް އޮންލައިންކޮށް ވެސް އަދި ފިޒިކަލްކޮށްވެސް ހުށަހެޅިދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. މި މުބާރާތުގައި 13 އަހަރުން ފެށިގެން 19 އަހަރުގެ ކުދިންނަށް ބައިވެރިވެވޭނެއެވެ. މި މުބާރާތަށްވެސް މަޒުމޫނުތަށް އީމެއިލް މެދުވެރިކޮށާއި ކަރުދާހުން ވެސް ހުށަހެޅޭނެއެވެ.
ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެން ކުރިއަށް ދަނީ 'އޯޝަންސް ލިޓްރެސީ ކުއިޒް'ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހުއެވެ.
ދަރިވަރުންނަށް ކަނޑުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް މި ދުވަހު ކުރިއަށްގެންދާނެއެވެ. އަދި މި މައުލޫމާތު ސެޝަނަށް ފަހު ކަނޑުތަކާއި ފަޅުތަކަށް ގެއްލުން ދިނުމުން ދުރުކުރުވުމަށް ދަރިވަރުން ޕްލެޖެއްގައި ސޮއި ކުރުން އޮންނާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"ސޮއި ކުރާ ޕްލެޖު ކޮންމެ ކުއްޖެއްގެ އަތުގައި އޮންނަ ގޮތަށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވިއެވެ.
ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ އެންމެ ކުލަ ގަދަ ހަރަކާތެއްގެ ގޮތުގައި މުއްތަލިބު ފާހަގަކުރެއްވީ އަންނަ ހުކުރު ދުވަހު ކުރިއަށްގެންދާ މަސްރޭހެވެ. މި މަސް ރޭސް ކުރިއަށް ގެންދަން ހަމެޖެހިފައިވަނީ މާލޭގައެވެ.
މި ހަރަކާތް ފެށޭނީ ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުންނެވެ. މިހާރުވެސް 25 ޓީމަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

އޯޝެން ރިސޯސެސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އިބްރާހިމް ނާއިޝް
މީގެ އިތުރުން އަންނަ ހުކުރު ދުވަހު މާލޭ ސިޓީ ސަރަހައްދުތަކުގެ ފަޅުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ސިޓީ ކައުންސިލާއި އެމްޓީސީސީ އާއި އެޗްޑީސީއާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަށް ވެސް އިންތިޒާމު ކުރާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.