01 Jun 2024, 23:49
ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް އޭނާގެ 23ވަނަ އުފަން ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުރުން ޖާގަހޯދުމާއެކު ފާހަގަކޮށްފިއެވެ.
ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުރުން ޝްވާޓެކް ޖާގަ ހޯދާފައިވަނީ ތިންވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ މަރީ ބޮއުޒްކޯވާއާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ. މި މެޗު ނިމުމާއެކު މެޗު ބެލުމަށް ވަދެ ތިބި އެންމެންވަނީ ޝްވާޓެކްއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފްރެންޗް އޯޕަންގެ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޝްވާޓެކް މިހާރުވަނީ ރޯލަންޑް ގެރޯސްގައި ޖެހިޖެހިގެން 17 މެޗުން މޮޅުވެފައެވެ. ހަތަރު ވަނަ ބުރުގައި ޝްވާޓެކް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ އަނަސްޓޭޝިއާ ޕޮޓަޕޯވާ އާއެވެ.