އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ޤުރުއާން ހިތުދަސްކޮށް، އެ ތަނުން އިމްތިހާން ހަދާ ދަރިވަރުންނަކީ ހާފިޒުން ކަމުގައި ބަލައިގަންނަ ގޮތަށް، ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނަކީ ވަކިން ހަދަންޖެހޭ އެއްޗެކެވެ. އެ ގޮތުން ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގައި ރެޖިސްޓްރީކޮށްގެން ހިންގާ، ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާން ކޮށްދިނުމަށް އެދި، ގުރުއާނާބެހޭ މަރުކަޒަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާންކޮށްދެއެވެ.

ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ގެނައި ބަދަލާ އެކު، އިސްލާމީ ޔުނިވަސިޓީން ޤުރުއާން ދަސްކޮށް، އެ ތަނުން އިމްތިހާން ހަދާ ދަރިވަރުން، އިތުރު އިމްތިހާން ހެދުމަކާނުލައި ހާފިޒުންގެ ގޮތުގައި ބަލައިގަންނަންވަނީ ނިންމާފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އުސޫލު މީގެ ކުރިން އޮންނަ ގޮތުން، ރަށްރަށުގައި ތިބެ، ޤުރުއާން ހިތުދަސް ކުރުމަށް ފަހު، މުރާޖައާކުރުމުގެ އިތުރަށް، އިމްތިހާން ހެދުމަށް ވެސް މާލެ އަންނަން ޖެހޭނެއެވެ.

އެހެން ނަމަވެސް އެ އުސޫލަށް ގެނައި ބަދަލާއެކު ރަށްރަށުގައި ތިބެ ޤުރުއާން ހިތުދަސްކޮށް، މުރާޖައާ ވެސް ކުރެވޭނެއެވެ. އެ ގޮތުން މާލެ އަންނަންޖެހޭނީ ހަމަ އިމްތިހާން ހެދުމަށެވެ.

ޤުރުއާނާބެހޭ ގައުމީ މަރުކަޒަޒުގައި ރެޖިސްޓްރީކޮށްގެން ހިންގާ، ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ނަމަ، ނުވަތަ އެ މަރުކަޒުގައި ދަފްތަރުކޮށްފައިވާ ހާފިޒެއްގެ ލިޔުމަކާއެކު، ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވާ ފަރާތްތައް އިމްތިހާނު ކުރުމަށް އެއްވެސް ފީއެއް ނުނަގައެވެ.

ގދ. ފިޔޯރީގެ ކުއްޖަކު ގުރުއާން ކިޔަވަން ކްލާހުގައި--

ހާފިޒުކަމުގެ އިމްތިހާނު ކުރުމުގައި ބަލާ މިންގަނޑުތަކަކީ:

  • ޤުރުއާން ހިތުދަސްވެފައިވާ މިންވަރާއި، ފަރިތަކަމާއި، ފަސާހާތްތެރިކަން

  • މުތަޝާބިހު އާޔަތްތައް އެނގިފައިވާ މިންވަރު
  • ތަޖުވީދުގެ ހަމަތަކުގެ މަތީން ކިޔަވަން އެނގޭ މިންވަރު

މި އިމްތިހާނުގައި މާކްސް ދިނުމުގެ މިންގަނޑަކީ:

  • ތަޖުވީދަށް - 20 މާކްސް

  • މުތަޝާބިހު އާޔަތްތަކަށް - 5 މާކްސް
  • ހިފްޒަށް - 70 މާކްސް
  • ކިޔެވުމުގެ ފަރިތަކަމާއި ފަސާހާތްތެރިކަމަށް - 5 މާކްސް

މި އުސޫލުގެ ދަށުން ދަރިވަރު އިމްތިހާނުކޮށް ނިމުމުން އެ ދަރިވަރަކު ފާސްވެފައިވާ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފްތަރުގައި ހިމަނަންޖެހެއެވެ. އަދި އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާނީ ޤުރުއާނާބެހޭ ގައުމީ މަރުކަޒުންނެވެ.

ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ވެސް ދެއެވެ. އެއީ ކޮންމެ މަހަކު ވެސް ހާފިޒުންނަށް ލިބޭ އިނާޔަތެކެވެ.