01 Jun 2024, 19:02
ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ދިރާސީ އައު އަހަަރުގެ ކިޔެވުން ފެށުނުއިރު ބައެއް ރަށްރަށަށް ޓެކްސްޓް ފޮތްތައް ހަމަނުވާ ކަމަށް ބައެއް ސުކޫލުތަކުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މިއަދު 'ސަން' އިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ބޭނުންވާ ޓެކްސްޓު ފޮތްތައް މިހާރު ފޮނުވައިފި ކަމަށެވެ.
އަދި އެ ހުރިހާ ސްކޫލުތަކަށް ބޭނުންވާ ފޮތްތައް މިހާރު ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅު ތެރޭގެ ބައެއް ސުކޫލުތަކުން މީގެ ކުރިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ސުކޫލުތަކުގެ ބައެއް ގްރޭޑްތަކަށް ފޮތްތައް ހަމަ ނުވާތީ މިދިޔަ ދިރާސީ އަހަރު ގްރޭޑްތަކުގައި ކިޔެވި ދަރިވަރުން ބޭނުންކުރި ފޮތްބައި ނެގުމަށްފަހު، ފޮތްތައް ހަމަކުރަންޖެހުނު ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ހުރިހާ ސްކޫލުތަކަށް ފޮތްތައް ހަމަކުރިއިރު ބާ ފޮތް އެއްވެސް ވަރަކަށް ނުހިމެނޭނެ ކަމަށެވެ.
ކަން މިހެން ހުރި ނަމަވެސް އަދިވެސް ބައެއް ބެލެނިވެރިން އަންނަނީ ފޮތްތައް ހަމަނުވާ ކަމަށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖެއަށް ކުރަމުން ދިޔަ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ފޮތްތައް ރަށްތަކަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.
ހަމައެއާއެކު ސްކޫލުތަކަށް ފޮތް ނުލިބުނީ ފޮތް ޕްރިންޓުކުރާ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް އޮތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މީގެ ކުރިން ވިދާޅުވެފަވެއެވެ.
ސުކޫލުތަކުގައި ކިޔެވުން ފެށޭއިރު ފޮތްތައް ހަމަނުވުމަކީ އާންމު ކަމެކެވެ.
ދިރާސީ އާ އަހަރު ފެށިއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ.