04 Jun 2024, 06:40
ކުރިއަށް ހިނގައިގަތް މިޖާއަށް ލިޝާ ފެނުމުން ހުއްޓުން އެރިއެވެ. އާރިޒް މާ ވަރަކުން ޕްރައިވެޓް ވޯޑަކަށް ބަދަލުވާން އުޅުނީ ކީއްވެކަން މިޖާއަށް އެނގުނީ ދެނެވެ. އަނެއްކޮޅުން ސަޗިންއަށާއި މާނަވްއަށް ވީގޮތް އެނގުމުން، އޭނާގެ މުޅި މޫޑު ހަރާބުވިއެވެ. އެކަކުވެސް އޭނާއަށް އެހީނުވަނީ ކީއްވެ ހެއްޔެވެ؟ އެންމެން އުޅެނީ ލިޝާއަށް އެހީވުމުގައެވެ. މިޖާ ހީކުރީ އޭނާގެ މަގު އަމާންވީ ކަމަށެވެ. ލިޝާ ދެން އެނބުރި ނާންނާނެކަމަށް ބަލާ، އޭނާ ހުރީ ނުހަނު ހަމަޖެހިފައެވެ. އެކަމަކު، ލިޝާގެ އެނބުރި އައުން މިޖާއަކަށް ކަމަކުނުދިޔައެވެ. އެއީ އޭނާ އުއްމީދުކުރިގޮތެއް ނޫނެވެ. މިޖާގެ ދެބުމަ ގޮށްޖެހުނެވެ. ލިޝާއާއި ދިމާއަށް އޭނާ ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. މާނަވް ހިފަހައްޓަން އުޅުމުން، އަތް ފޮޅުވައިލާފައެވެ.
********
މިޖާ ދިޔަގޮތަށް ލިޝާގެ ކޮނޑުގައި ޖެހިގަތެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. މިޖާގެ ނަޒަރުގައި ނުރުހުމުގެ އަސަރުވީއިރު، ލިޝާގެ މޫނުން މާބޮޑު އަސަރެއް ފެންނާކަށް ނެތެވެ.
"ގެޓް ލޮސްޓް!..." ދަތްތަކަށް ބާރުކޮށްލައިގެން ހުރެ މިޖާ ބުނެލިއެވެ.
ލިޝާ ދެންވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. މިޖާ ހީކުރީ އަމިއްލަ ދިފާއުގައި ލިޝާ ކޮންމެވެސް އެއްޗެއް ބުނާނެ ކަމަށެވެ. އެހެން އެކަން ނުވުމުން، އައި ރުޅީގައި އާރިޒް އޮތް ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ލިޝާ ރުޅިއަރުވަން މިޖާއަށް ކުރެވެން އޮތް ކަމަކީ، ލިޝާ އެކޮޓަރިއަށް ވަނަ ނުދިނުމެވެ. މިޖާއަށްވުރެ ކުރިން ލިޝާ ގޮސް ދޮރުމަތީގައި ހުއްޓުނެވެ.
"އަހަރެން މިއައީ އެހާ ފަސޭހައިން ދާގޮތަކަށް ނޫން..." ލިޝާގެ އަޑުގައިވީ ސާބިތުކަމެވެ.
ލިޝާގެ ޖުމުލަ މިޖާގެ ހިތް ތޮރުފައިލިއެވެ. ރުޅިއައިސްގެން ދެލޮލަށް ކަރުނަ ޖަމާވިއިރު، ލިޝާއަށް ހަދާނޭ އެތައް ގޮތެއް ހިތުތެރޭގައި ރާވައިލިއެވެ. މިޖާގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް، އަތް އިސްކުރެވުނެވެ. އައި ރުޅީގައި ލިޝާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ވީތަދަށްވުރެ ބޮޑަށް ލިޝާގެ ކައިރިއަށް އައީ ރުޅިއެވެ. އޭގެ ކުރިން މަޑު ފުށްކޮޅެއްހެން ނިކަމެތިވެފައި ހުއްޓަސް، މިއަދު މަޑުން ހުންނާކަށް ލިޝާވެސް ބޭނުމެއް ނުވިއެވެ. އަމިއްލަ ލޯބި ދިފާއުކުރަން އޭނާވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ލިޝާވެސް މިޖާގެ އިސްތަށިގަނޑުގައި ހިފިއެވެ. ދެމީހުންގެ ސަކަރާތް ބަލަން މާނަވް އާއި ސަޗިން ތިބީ އަޖައިބުވެފައެވެ. ލޯތްބަށްޓަކައި، އެވަރުވާނެ ބައިވެރިން އެމީހުންވެސް ބޭނުންވިއެވެ. މާނަވް ފުލުފުލުގައި އެތައް މެސެޖެއް އާރިޒަށް ފޮނުވައިލިއެވެ.
އާރިޒް ދޮރު ހުޅުވައިލުމާއިއެކު، ދޮރުގައި ލެނގިގެން ހުރި ލިޝާ އެތެރެއަށް ވެއްޓެން ދިޔައެވެ. އާރިޒަށް ލިޝާގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ. އެހަށިގަނޑު ސީދާކުރުމަށްފަހު، އާރިޒް ލިޝާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއި އެކުގައި ބަލައިލިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާއިރު، ހުރިލެއް މައުސޫމުކަމުން ލިޝާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އާރިޒް ބަލައިލުމުން ލިޝާ ތުން ފިއްތައިލީ ކުށްވެރިއަކު ފަދައިންނެވެ. އެ އަމަލުންވެސް އާރިޒްގެ ކަންބޮޑުވުން ފިލައިގޮސް، ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ލިޝާގެ ކޮންމެ އަމަލެއް މައުސޫމުވެފައި އާރިޒްގެ ހިތް ފިދާކުރުވަނީ އަޖައިބުވާފަދަ ގޮތަކަށެވެ.
"ކީއްވެތަ ހެނީ؟..." ލިޝާ އިތުރަށް ތުންދަމައިލިއެވެ.
"އެއީ މިކުއްޖާ ލޯބިކަމުން..." ލިޝާގެ ކޯތާފަތުގައި ރަތްވެފައި ހުރި ތަނުގައި އިނގިލި ކާއްތައިލަމުން އާރިޒް ބުންޏެވެ.
"މަލާމާތް ކުރަނީތަ؟..." ލިޝާ އިސްޖަހައިލީ ލަދުން މުޅި މޫނު ރަތްވާން ފެށުމުންނެވެ. އެފަދަ ވަގުތެއްގައިވެސް އާރިޒް ލާނެތް ސަމާސާ ކުރަނީ ކީއްވެ ހެއްޔެވެ؟
"މިހާ ލޯބި ކުއްޖަކަށް މަލާމާތް ކުރާނީ އަހަރެން މޮޔަވީމަ... ވަރަށް ތަދުވިތަ؟..." އާރިޒް އަވަހަށް ލިޝާގެ އިސްތަށިގަނޑު ރީތިކޮށްލަދިނެވެ. ބޮލުގައި އައްސާފައިވާ ވޫލުކޮޅު ދަމައިގަތުމަށްފަހު، އިސްތަށިގަނޑުން ކަނދުރާ ނިވާކުރިއެވެ.
"ބުނީމެއްނު މި ކަނދުރާ އަހަރެން ނޫން މީހަކަށް ނުދައްކައްޗޭ!.." އާރިޒް ލާނެތް ގޮތަކަށް ބުނެލިއެވެ.
ފަހަތުގައި މިޖާ ހުރިކަން ދެމީހުންގެ ހަނދާނުގައިވެސް ނެތްކަހަލައެވެ. އެކަކު އަނެކަކު ނޫނީ އެ ދެމީހުންނަށް މުހިއްމެއް ނުވެއެވެ. މިޖާގެ ލޭ ކެކެމުންދިޔަ ވަރަކަށް ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ.
"ލިޝް އިހަށް އެތެރޭގަ މަޑުކޮށްލާ!... އެބަ އަންނަން..." ބޭރަށް ނުކުންނަމުން އާރިޒް ބުނެލިއެވެ.
ބޭރަށް ނުކުމެ ދޮރު ލައްޕައިލުމަށްފަހު، އާރިޒް މިޖާއަށް ބަލައިލިއެވެ. އެ ބެލުމުގައި ވަނީ ދުރުކަމެވެ. މިޖާގެ ސަބަބުން އުނދަގޫވެ، ވަރުބަލިވެފައިވާކަން މޫނުން ފެންނަން ހުއްޓެވެ.
"ލެޓްސް ޓޯކް..." އާރިޒް އެދުނެވެ.
އާރިޒްގެ މޫނުން ފެންނަން ހުރީ އާދޭހެވެ. އޭނާ އެދުނީ އެކުގައި އައުމަށެވެ. މިޖާއާއި ވާހަކަ ދައްކާއިރު، އާރިޒްގެ އަޑުގައި ލިޝާއާއި ވާހަކަ ދައްކާ ގާތްގޮތެއް ނެތެވެ. ހޮސްޕިޓަލުގެ ބޭރުގައި މީހުން އިށީނދެ ތިބުމަށް ހަދާފައިވާ ބެންޗެއްގައި މިޖާ އާއި އާރިޒް އިށީނެވެ. އާރިޒް އުޑުމައްޗަށް ނަޒަރު ހުއްޓާލި ނަމަވެސް މިޖާގެ ނަޒަރު ހުއްޓިފައި ވަނީ އާރިޒްގެ މޫނަށެވެ. އެނޫން ތަނަކަށް ބަލާކަށް މިޖާ ބޭނުމެއް ނުވެއެވެ. އެއީ އާރިޒާއި ވާހަކަ ދެއްކޭނެ ފަހު ފަހަރޭ އޭނާއަށް ހީވަނީއެވެ.
"އަހަރެން ހީކުރީ މިޖާ ތީ ވަރަށް ވިސްނޭ ކުއްޖެއް ކަމަށް..." އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ އާރިޒް ވާހަކަ ދެއްކިއެވެ. މިޖާގެ މޫނަށް ބަލައިލަންވެސް ބޭނުންނުވެފައި އިން ކަހަލައެވެ.
"ލޯބިވުމަކީ މައްސަލައެއްތަ؟..." މިޖާ އަހައިލިއެވެ.
"އަހަރެން ކީކޭ ބުނީމަތަ މިޖާ އަހަރެންގެމަތިން ހަނދާން ނައްތާލާނީ؟..." ފުން ނޭވާއެއް ދޫކޮށްލަމުން އާރިޒް މިޖާގެ މޫނަށް ބަލައިލިއެވެ. "އަހަރެން ބުނެފީމެއްނު އަހަންނަކަށް ނެތޭ މިޖާއާ މެރީކުރެވޭކަށް..."
"ލޯތްބަކީ ތިހީކުރާހާ ފަސޭހައިން ހަނދާންނައްތާލެވޭނެ އެއްޗެއް ނޫން...." މިޖާ އިނީ ހިތުގައިޖެހިފައެވެ.
އާރިޒްގެ ލޯބި ނުލިބޭނެކަން މިޖާއަށް ކަށަވަރު ވިއެވެ. އެކަމަކުވެސް ހިތް އެދުނީ އެލޯބި ހާސިލުކުރާށެވެ.
"އަހަރެން ލިޝްދެކެ ވަރަށް ވަރަށް ލޯބިވޭ..." އާރިޒް ބޭނުންވީ މިޖާގެ ހިތަށް ތަދުކޮށްގެން ވިޔަސް، އޭނާގެ ދިރިއުޅުމުން ބޭރުކުރާށެވެ. "އައި އޭމް ސޮރީ މިޖާ... އަހަރެން ހީކުރީ އަހަރެމެން ދެމީހުން ކުރިންވެސް ތިބިހެން ފްރެންޑްސްގޮތަށް ތިބެވޭނެކަމަށް... އެކަމަކު، އަހަންނަށް ޔަގީންވެއްޖެ، މިޖާގެ ތިއުޅުން ދެން ބަދަލު ނުވާނެކަން..."
"ތީގެ މާނައަކީ ދެން އަހަންނާ ވާހަކަވެސް..." މިޖާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
އާރިޒް ތެދުވިއެވެ. ދެޖީބަށް އަތް ޖަހައިލިއެވެ. ފަހު ފަހަރަށް ބަލައިލާހެން މިޖާގެ މޫނަށް އޭނާ ބަލައިލިއެވެ. މިޖާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
"އަހަރެންގެ އެކުވެރިއެއްގެ މަގާމުގަ ހުންނަން އަހަރެން މިޖާއަށް ފުރުސަތު ދިނިން... އެކަމަކު، މީގެފަހުން ލިޝްއަށް ދެރަގޮތެއްވާ ކަހަލަ އެއްވެސް ކަމެއް ވާކަށް އަހަރެން ބޭނުމެއް ނޫން... އެކަހަލަ ފުރުސަތެއްވެސް މީހަކަށް ނުދެވޭނެ... ލެޓްސް އެންޑް ދިސް..."
އާރިޒް ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން ބަލަން އިން މިޖާގެ ބަޑި ފަޅައިގެން ދިޔައެވެ. އަބަދުގެ އަބަދަށް އާރިޒް ވަކިވެގެންދިޔަ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ކަންތައް ގޯސްވީ މިޖާގެ ސަބަބުންނެވެ. މިޖާއަށް ކަންތައް ކުރެވުނުގޮތުންނެވެ. އާރިޒް އެތައް ފުރުސަތެއް އޭނާއަށް ދިނެވެ. އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރީ ހަމައެކަނި އާރިޒެވެ. ކޮންމެވެސް ދުވަހަކުން އާރިޒްވެސް ވަރުބަލިވާނެއެވެ.
އާރިޒް ދޮރު ހުޅުވައިލީއިރު، ލިޝާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. މިޖާ ކޮށްލާ ކަމަކުން އާރިޒްގެ ހިޔާލު ބަދަލުވެދާނެތީ ލިޝާގެ ހިތް ބިރުގަންނަނީއެވެ.
"ހާދަ ލަސްވީ؟..." އާރިޒްގެ ފަހަތުން އިތުރު މީހަކު ވަދޭތޯ ބަލައިލަމުން ލިޝާ ބުނެލިއެވެ.
"ކިހިނެއްވީ؟... ޖެލަސްވީތަ؟..." އާރިޒް ލާނެތްގޮތަކަށް ސުވާލުކުރިއެވެ.
"ނޯ ވޭ..." ލިޝާ ނޫންކަމަށް ހެދިއެވެ. "އަހަރެން ކީއްވެ ޖެލަސްވާންވީ؟..."
"މިހުރީ ޖެލަސްވެފަ... ބަލާބަލަ ކޯކޮޅު... ރަތްވެފައެއްނު މިހުރީ..." ލިޝާއާއި ދިމާއަށް ދަމުން އާރިޒް ބުނެލިއެވެ.
"ނުވެޔޭ...." ފަހަތަށް ޖެހެމުން ލިޝާ ބުންޏެވެ.
"ދެން ކީއްވެ ބްލަޝްވަނީ؟..." ލިޝާގެ ދެކޯތާފަތުގައި ހިފައިލަމުން އާރިޒް އަހައިލިއެވެ. "މިކުއްޖާ މިހެން ހުންނައިރު ހާދަ ލޯތްބޭ... ހިތަށް އަރާ އަހަރެންގެ މީހަކަށް ވާނީ ކޮން ދުވަހަކުންބާއޭ؟..."
ލިޝާ އާރިޒްގެ އަތްދަށުން ދެމިގަނެގެން ދާންއުޅުނެވެ. އާރިޒް ޖެހި ކުއްލިއާއިއެކު ލިޝާ ގެނެސް އެހަށިގަނޑުގައި ބައްދައިލިއެވެ. ދެއަތުގެ ތެރޭގައި ލިޝާގެ ހިމަ ހޯލިކޮޅެއްފަދަ ހަށިގަނޑު ފިއްތައިލީ، ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ދެހިތުގެ ތެޅުން އެކަކު އަނެކަކަށް އިހުސާސް ކުރެވެމުން ދިޔައެވެ.
"އަހަރެންގެ ހަޔާތުގަ ތިނޫން އަންހެންކުއްޖަކުނުވޭ... މިޖާގެ އުނދަގުލެއް ދެން ލިޝްއަކަށް ކުރިމައްޗެއް ނުވާނެ... އައި ޕްރޮމިސް..." އާރިޒް ޔަގީންކަން ދިނެވެ.
"އައި ލަވް ޔޫ..." ހިމޭން ވަގުތުކޮޅެއް ފާއިތުވެދިޔުމުން އާރިޒް ބުނެލިއެވެ.
ކުޑަކޮށް ގަދަހާލާފައިވެސް ލިޝާ ހިމޭންވެ، އާރިޒްގެ މޭގައި މޫނު ފޮރުވައިލިއެވެ. ދެމީހުންވެސް ބޭނުންވަނީ އެކަކު އަނެކެއްގެ ހިމާޔަތުގައި ތިބުމަށެވެ. އެކަކު އަނެކެއްގެ ހައްގަކަށް ވުމަށެވެ.
********
ގޭގެ ދޮރުމަތިން މީހަކު ސަލާން ގޮވާ އަޑު އިވުމުން ކައުސަރު ނުކުތެވެ. ދޮރުމަތީގައި ހުރީ ކާކުކަން ސާފުނުވެގެން ބަލާހެން އޭނާ ދެލޯ ހަނިކޮށްލިއެވެ. ލިޝާ ފެނުމުން ކައުސަރަށް ލިބުނީ އާދަޔާ ހިލާފު އުފަލެކެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ލިޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ. ލިޝާގެ ފަހަތުން އާރިޒްވެސް އެތެރެއަށް ވަނެވެ. ކައުސަރު އާރިޒަށް ބަލައިލީ، މާގަޔާނުވެފައި ބަލާ ކަހަލަ ގޮތަކަށެވެ.
"މީ އަހަރެންގެ ދެވަނަ މަންމަ..." ކާމޭޒު ކައިރީގައި އިށީނދެފައި ލިޝާ އާރިޒަށް ކައުސަރު ތައާރަފްކޮށްދިނެވެ.
ކައުސަރު ބަލައިލިގޮތުން އާރިޒް އިނީ ޖެހިލުންވެފައެވެ. ކާން ނެގި އެތިކޮޅުވެސް އަނގަޔަށް ލާން ނުކެރިފައި އޭނާއަށް އިނދެވުނެވެ. ކައުސަރު ކައިރިއަށް ހިނި އަންނަން ފެށުމުން އަވަހަށް ލިޝާއާއި ދިމާއަށް ބަލައިލިއެވެ.
"އެކޮއެ މަންމަމެން ރަނގަޅުތަ؟..." ކައުސަރު ސުވާލުކުރިއެވެ.
"މަންމަ ދޯ؟..." ލިޝާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ބައްޕަ ބުނީ ރަނގަޅޭ... މަންމަ އުޅެނީ ފޯނު ހަލާކުވެގެން... އެހެންނޫނީ މަންމައަށް ގުޅާފަ ދެމީހުން ތައާރަފްކޮށްދެވުނީސް..."
"އަހަރެން ވަރަށް އަވަހަށް ތި ގައުމަށް ދާނަން..." ބަތްކޮޅެއް ކާލަމުން ކައުސަރު ވާހަކަ ދެއްކިއެވެ. "މިހާރު މިހުރީ ޗުއްޓީއެއް ނަގަން ބޭނުންވެފަ..."
"ޗުއްޓީ ލިބޭނެ... އެކަމާ ހާސް...." އާރިޒް ވަރަށް ގަޔާވެފައި އެއްޗެއް ބުނަނިކޮށް ކައުސަރު ބަލައިލުމުން ހުއްޓައިލިއެވެ.
ލިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. މަދީހާއަށްވުރެ ކައުސަރުދެކެ އާރިޒް ޖެހިލުންވެއެވެ. ލިޝާގެ އަސްލު މަންމަދެކެ ބިރުނުގަންނަ މީހަކު ކައުސަރުދެކެ ބިރުގަންނަންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
(ނުނިމޭ)