02 Jun 2024, 08:49
މިދިޔަ އޭޕްރީލް ތެރޭ އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޔަކު މީހުން ބަޑީގެ ހަމަލާތަކެއް ދިންތާ އެއް މަސްވެފައިވާއިރު ސަލްމާނަށް އަމާޒުކޮށް ދެވަނަ ހަމަލާއެއް ދޭން ރޭވިކަން ފަޅާއަރައިފިއެވެ.
އިންޑިއާގެ މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ދެވަނަ ހަމަލާގެ ފަހަތުގައި ވެސް ވަނީ އޭޕްރިލް މަހު ދިން ބަޑީގެ ހަމަލާގެ ޒިންމާ ނެގި ލޯރެންސް ބިޝްނޯއި ގޭންގު ކަމަށެވެ. ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ މުމްބާއީން ބޭރުން ޕާންވެލްގައި ފާމް ހައުސްއަށް ސަލްމާން ދަތުރުކުރާ ދުވަސްވަރު ބަލާ އެ ދުވަސްވަރާ ދިމާކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާގެ ތުހުމަތުގައި މުމްބާއީ ފުލުހުން ވަނީ ލޯރެންސް ބިޝްނޯއީގެ ގޭންގާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

ސަލްމާން ޚާން އެކްޓަރުގެ ފާމް ހައުސްގައި--ފޮޓޯ/ޒީޒެސްޓް
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ސަލްމާނަށް އަމާޒުކޮށް ދެވަނަ ހަމަލާއެއް ރާވަމުންދާކަމުގެ މައުލޫމާތު ޖާސޫސްކުރާ މީހެއްގެ ފަރާތުން ލިބި ސަލްމާންގެ ފާމް ހައުސް ހުރި ސަރަހައްދުގައި މި ހަތަރު މީހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިވެކް ޕަންސާރޭ ބުނެފައިވަނީ، ހައްޔަރުކުރި ހަތަރު މީހުން ވަނީ އެކި ދުވަސްތައް މަތިން ސަލްމާން ދިރިއުޅޭ ފާމް ހައުސްގެ ފޮޓޯތައް ނަގައި އެކްޓަރުގެ ޝޫޓިން ކުރިއަށްދާ ސަރަހައްދުތަކުގެ ފޮޓޯތައް ވެސް ނަގާ މައުލޫމާތު އެއްކޮށްފައެވެ.
އޭޕްރީލް 14ވަނަ ދުވަހު ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓަށް ދިން ހަމަލާއާ ގުޅުންހުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މި ހަމަލާއާ ގުޅިގެން ސަލްމާން ޚާނަށާއި އެ ވަގުތު ގޭގައިތިބި އާއިލާގެ އެއްވެސް މެންބަރަކަށް އަނިޔާއެއްވެފައިނުވާއިރު ސަލްމާނާއި އާއިލާ މެންބަރުންގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.