02 Jun 2024, 09:03
ހަތް މަރުހަލާއަކަށް ބަހައިލައިގެން އޭޕްރީލް 19 ވަނަ ދުވަހު ފެށި އިންޑިއާގެ އާންމު އިންތިޚާބުގެ ވޯޓުލުން ނިމިއްޖެއެވެ.
ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ އަންގާރަ ދުވަހުއެވެ.
ނަމަވެސް، ވޯޓުލާ ނިމުމުން ހޯދި އާންމުންގެ ހިޔާލު ނުވަތަ އެކްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި މި ފަހަރުގެ އިންތިޚާބު ވެސް ކާމިޔާބުކުރައްވާނީ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއެވެ.
މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 543 ތިން ގޮޑީގެ ތެރެއިން ސާފު އަޣުލަބިއްޔަތެއް ހޯދަން 272 ގޮނޑި ބޭނުންވެއެވެ.
ހަ އެގްޒިޓް ޕޯލެއްގެ ނަތީޖާއިން ލަފާކޮށްފައިވާ ގޮތުގައި ބީޖޭޕީއަށް 355އާއި 380 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެއެވެ.
ބްރޯޑްކާސްޓަރު 'ސީއެންއެން-ނިއުސް18'އިން ނެރުނު އިތުރު އެގްޒިޓް ޕޯލްއަކުން ލަފާކޮށްފައިވާ ގޮތުގައި ބީޖޭޕީއާއި ކޯލިޝަން ޕާޓީ ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީ (އެންޑީއޭ)އަށް 355 ގޮނޑި ލިބޭނެއެވެ.
އޭގެ އިތުރުން، ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެ އިދިކޮޅު އިންޑިއާ އިއްތިހާދަށް 120 އަށް ވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށް ކަމަށް ބްރޯޑްކާސްޓްކުރި ސާވޭތަކުން ދައްކައެވެ.
ނަމަވެސް، ވޯޓުލާ އިދާރާތަކުން ކުރިއަށް ގެންދާ އެގްޒިޓް ޕޯލްތަކުގެ ނަތީޖާއަށް ބަލާއިރު މިހާތަނަށް ގިނަ ފަހަރު އެ ނަތީޖާ އޮންނަނީ ގޯސްވެފައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެހާ ބައިބޯ ގައުމެއްގައި އެގްޒިޓް ޕޯލެއް އެންމެ ރަނގަޅަކަށް ކުރިއަކަށް ނުގެންދެވޭނެއެވެ.
މޯދީއަށް މި ފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވިޖެ ނަމަ، 73 އަހަރުގެ މޯދީ ވެގެންދާނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު ވިދިވިދިގެން ތިން ދައުރު ކާމިބާޔާބުކުރާ އިންޑިއާގެ ދެވަނަ ލީޑަރަށެވެ.
ހަ ހަފުތާ ވަންދެން ކުރިއަށް ދިޔަ މި ފަހަރުގެ އިންޑިއާގެ އާންމު އިންތިޚާބުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.