02 Jun 2024, 13:20
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކ. މާފުށި ބްރާންޗުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް މިއަދު އިތުރަށް ފުޅާކޮށްފިއެވެ.
މާލެ އަތޮޅު މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް ރަށެވެ. އެގޮތުން، މާފުއްޓަށް ކޮންމެ ދުވަހަކު ވެސް އެތައް ޓޫރިސްޓުންނެއް ޒިޔާރާތްކުރެއެވެ.
އެހެންކަމުން ބޭންކިންގެ ޚިދުމަތްތައް އިތުރަށް ފުޅާވުމަކީ އެ ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިގޮތުން އެ ބްރާންޗުން އަލަށް ތައާރަފުކުރި ޚިދުމަތްތަކަކީ:
ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން
- ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުން
- ޗެކް ޑިޕޮސިޓް ކުރުމުގެ ޚިދުމަތް
- ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން
މީގެ އިތުރުން، އެ ބްރާންޗުގައި ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
މި ކަމާ ގުޅިގެން ބީއެމްއެލް ގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ އެކު ބޭންކިންގެ ޚިދުމަތަށް އޮތް ޑިމާންޑު ވެސް ވަނީ ބޮޑުވެފައި ކަމަށެވެ.
"މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މި ރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ނިމާލް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު މިހާރު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗާއި، 86 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމުކޮށްފައެވެ. އަދި، 143 އޭޓީއެމާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެއެވެ.