އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގައި ބާއްވަމުންދާ ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އެމެރިކާއިން ކާމިޔާބު ކޮށްފިއެވެ.

އެމެރިކާއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ ކެނެޑާ އާއި ބައްދަލުކޮށް ހަތް ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން އެމެރިކާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.

މިގޮތުން ކެނެޑާއިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 194 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 61 ލަނޑު ހަދައިދިން ނަވްނީތު ދަލީވާލް އާއި 51 ލަނޑު ހަދައިދިން ނިކޮލަސް ކާޓަންއެވެ.

އެމެރިކާ ޓީމަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު ހަތާވީސް ލަނޑަށް އެއް ވިކެޓް ނަގައިދިން ހަރުމީތު ސިންއެވެ.

ޖަވާބުގައި އެމެރިކާއިން ކުޅެން އަރާ 17 އޯވަރު ހަތަރު ބޯޅައަށް ތިން ކުޅުންތެރިން ނުބައިވެގެން 197 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 94 ލަނޑު ހަދައިދިން އާރޮން ޖޯންސްއެެވެ.

މީގެ އިތުރުން އެންޑްރީސް ގޮއުސްވަނީ 65 ލަނޑު ހަދައިދީފައެވެ. ކެނެޑާ ޓީމަށް ބަލާލާއިރު އެ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 19 ލަނޑަށް އެއް ވިކެޓް ނަގައިދިން ޑިލޮން ހޭލިގާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެމެރިކާގެ ކެޕްޓަން މޮނާކް ޕަޓޭލް ހާމަކުރި ގޮތުގައި މި މެޗުގައި އޭނާގެ ޓީމުން ވަނީ ޖެހިލުން ކުޑަ ކަމާއެކު މޮޅު ކުޅުމެއް ދައްކާފައިކަމަށެވެ.

އަދި ބޭނުންވަނީ މި މުބާރާތުގެ ކުރިއަށް އޮތް ތާނުގައި ބޮޑެތި ޓީމު ތަކާ ދެކޮޅަށް ވެސް މި ކުޅުން ދައްކާ ރަނގަޅު ކާމިޔާބީއެއް ހާސިލްކުރަން ކަމުގައި އޭނާ ހާމަކުރިއެވެ.