ނިމިދިޔަ މޭމަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކުރި ނިމިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭމަހުގައި ދިވެހި ފުލުހުންގެ ޚިދުމަތައް ވަނީ ވައްކަމުގެ 244 މައްސަލައެއް ހުށަހަޅާފައެވެ. މިއީ އޭޕްރިލް މަހުގައި ހުށަހެޅި 285 މައްސަލައާ އަޅައިބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ.

އެ ވުޒާރާއަށް މިދިޔަ މަހު ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. ޓްރެފިކް އެކްސިޑެންޓްތަކުގެ 169 މައްސަލައެއް މޭމަހުގައި ހުށަހެޅި ނަމަވެސް މި މައްސަލަތައްވެސް ވަނީ އޭޕްރިލް މަހާ އަޅައިބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ. އޭޕްރިލް މަހު ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ 219 މައްސަލައެކެވެ.

ނިމިދިޔަ މަހުގައި މަސްތުވާތަކެތީގެ 88 މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ޚިދުމަތައް ހުށަހަޅާފައި ވާކަމަށް އެ ވުޒާރާއިން ބުނެފައި ވާއިރު ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ އޭޕްރިލް މަހުގައި މަސްތުވާތަކެތީގެ 116 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މީގެއިތުރުން މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލައަކާއި ކައުންޓަފީޓް ނުވަތަ ފޯޖަރީގެ 12 މައްސަލައަކާއި މަކަރާއި ހީލަތުގެ 25 މައްސަލައެއްގެ އިތުރުން މާރާމާރީގެ 30 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ބަދުއަޚުލާގީ 13 މައްސަލައަކާއި ގެވެށިއަނިޔާގެ 18 މައްސަަލައަކާއި ފޭރުމުގެ 36 މައްސަލައިގެ އިތުރުން ތަކެތި ގެއްލިގެން 78 ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅާފައި ވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މެއި މަސް ނިމުނުއިރު ޖުމްލަ 11 ކެޓަގަރީއެއްގެ 794 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފައި ވާއިރު ހުރިހާ މައްސަަލަތަކެއްވެސް ވަނީ އޭޕްރިލް މަހާ އަޅައިބަލާއިރު މަދުވެފައެވެ.