ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާނާއި ސަނާ ސައީދު އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވްގެ ސީރީޒްއަކަށް ސޮއިކޮށްފައިވާކަމަށް ސޮނީލިވްއިން އިއުލާނުކޮށްފިއެވެ.

ފަވާދު ޚާނާއި ސަނާ ސަޢީދަކީ ޕާކިސްތާނުން ގެނެސްދިން ކާމިޔާބު ޓީވީ ސިލްސިލާ "ޒިންދަގީ ގުލްޒާރުހޭ"ގެ ލީޑް ތަރިންނެވެ. މި ސިލްސިލާއަށް ފަހު ދެ ތަރިންނަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ޖޯޑެކެވެ. ސޮނީ ލިވްއިން އުފައްދާ ސީރީޒް "ޝަންދޫރު"އަށް ދެ ތަރިން ސޮއިކޮށް މި ސީރީޒްގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ފަވާދު ޚާން ބަތަލާ އާލިއާ ބަޓްއާ އެކު ފިލްމު "ކަޕޫރު އެންޑް ސަންސް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ސޮނީ ލިވްއާ ހަވާލާދީ މީޑީއާތަކުން ބުނެފައިވާ ގޮތުގައި ފަވާދު ޚާން މި ސީރީޒްގައި ފެންނާނީ ޕާކިސްތާނުގެ ޗިތުރަލްއަށް ނިސްބަތްވާ ގޯލްފް ކުޅެން ލޯބިކުރާ ޕްރިންސެއްގެ ރޯލުންނެވެ. މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ފަވާދު ވަނީ ގޯލްފް ކުޅިވަރަށް ހާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ.

މި ސީރީޒްގައި ކުޅޭ ރޯލާ ބެހޭ މައުލޫމާތު ހާމަކޮށްފައިވީ ނަމަވެސް ސަނާ ސަޢީދު "ޝަންދޫރު"ގައި ކުޅޭ ރޯލާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ސޮނީ ލިވްއިން ވަނީ ސަނާ ކުޅޭ ރޯލާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމޭރާ އަހުމަދު ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ މި ސީރީޒްގެ ޑައިރެކްޓަރަކީ ފަވާދު ޚާން މުހިއްމު ރޯލް ކުޅުނު ޕާކިސްތާނު ސީރީޒް "ބޭހަދު"ގެ ޑައިރެކްޓަރު އާސިމް ރަޒާއެވެ.

ބޮޑު މަގުބޫލުކަމެއް ހޯދި ޕާކިސްތާނު ސީރީޒް "ޒިންދަގީ ގުލްޒާރު ހޭ"އަށް ފަހު ސަނާއާއި ފަވާދު ވަނީ އިތުރު ދެ ސީރީޒްއެއްގެ މަސައްކަތް ފަށާފައެވެ. އެއީ، ޕާކިސްތާނުގެ ޗެނަލަ ޒިންދަގީއިން "ބަރުޒަޚު"ގެ ނަމުގައި އުފެއްދި ސީރީޒް އަދި ނެޓްފްލިކްސްއިން އުފައްދާ ފުރަތަމަ ޕާކިސްތާނު ސީރީޒް "ޖޯ ބަޗޭ ހޭ ސަމައިޓް ލޯ"އެވެ. ނަމަވެސް މި ސީރީޒްތައް ޕްރިމިއާކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ޕާކިސްތާނުގެ އިތުރުން އިންޑިއާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ފަވާދު ޚާން ވަނީ ބޮލީވުޑްގެ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ، ފިލްމު "ހޫބުސޫރަތު"، "ކަޕޫރު އެންޑް ސަންސް" އަދި "އޭ ދިލް ހެ މުޝްކިލް"އެވެ.