03 Jun 2024, 10:30
މިޔަރު އިތުރުވެ އޭގެ ސަބަބުން ގެއްލުންތައް ކުރިމަތިވާތީ މިޔަރު ހިފަން ހުއްދަ ދޭން ދިރާސާއެއް ކުރަމުންދާކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ ރާއްޖޭގެ މިޔަރުގެ އާބާދީ މޮނިޓަރުކޮށް ބަލަހައްޓާ އެމްއެމްއާރްއައިގެ ދިރާސާތަކުން މިޔަރުގެ އާބާދީ އިތުރުވެއްޖެ ކަމަށް މިހާތަނަށް އަދި ބެލެވިފައިނުވާ ކަމަށެވެ.
ނަމަވެސް މިޔަރުގެ ނުރައްކާ ބޮޑުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މި ވަގުތުގައި، އެކަމާ ގުޅިގެން މިހާރު އަލުން އިތުރަށް ވަރުގަދައަށް ދިރާސާކޮށް، އެ ދިރާސާގެ އަލީގައި މިޔަރު މަސްވެރިކަން ހުޅުވައިލައި، މިޔަރު ހިފުން ހުއްދަކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން މިޔަރު ހިމާޔަތް ކުރެވުނީ 2010ވަނަ އަހަރު ހެދި ދިރާސާތަކުން އާދަޔާ ޚިލާފަށް މިޔަރު މަދުކަމަށް ދެއްކުމުން ކަމަށެވެ.
އަދި އޭރު މިޔަރު ހިމާޔަތް ކުރީ މިއީ ރާއްޖެ އަންނަ ފަތުރުވެރިން ވެސް ވަރަށް ބޮޑަށް ބަލައިލަން ޝައުގުވެރިވާ ދިރުމަކަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ހިމާޔަތް ކުރިފަހުން މިހާތަނަށް މިޔަރުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ހަމަ ލޮލަށް ފެންނަ ފެނުމާއި، މީހުން ދައްކާ ވާހަކަ ތަކާއި، ކަން ހިނގާ ގޮތާއި މަސްވެރިންގެ މައުލޫމާތު ތަކުން އެނގޭ ގޮތުގަ މިއަރުގެ އާބާދީ ވަރަށް ބޮޑަށް އިތުރު ވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މިޔަރުގެ އާބާދީ އާދަޔާ ޚިލާފަށް އިތުރުވުމަކީ ސައިންޓިފިކަލީ ބަލާއިރު، އިކޯސިސްޓަމް އިމްބެލެންސްއެއް އަންނާނެ ކަމެއް ކަމަށެވެ.
"އެހެންވީމަ އެއީ މޫދާއި ކަނޑުގެ މަހައުލަށްވެސް އަދި އިންސާނުންނަށް ވެސް އޭގެ ނުރައްކާތެރިކަން އޮތް ކަމެއް، އެ ވާގޮތަކީ މިޔަރަކީ މޫދުން ކުދި މަސް އަދި އެ ލިބޭ ކާނާ ބޭނުންކޮށްގެން ދިރިއުޅޭ އެއްޗެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަށީގެންވާ ވަރަށް ކާނާ އެ ތަކެއްޗަށް ނުލިބޭނަމަ، އިންސާނުން މޫދަށް އެރި އުޅޭއިރު އިންސާނުންނަށް ވެސް އެ ތަކެތި ހަމަލާދޭނެ ކަމަށެވެ.
ހަމައެއާއެކު މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑައިވިންގައި ހަރަކާތްތެރިވާ ފަރާތްތަކުން މިޔަރަށް ކާންދޭން ގެންގުޅޭ އާދަ ކަމަށެވެ.
މިކަމުގެ ސަބަބުން ކާން ނުލިބޭނަމަ މިޔަރުތައް ކޮންމެ ގޮތަކަށް ވެސް ކާން މަސައްކަތް ކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި އާދައަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
މިޔަރު އިތުރުވުމުގެ ސަބަބުން މަސްވެރިކަމަށް ވެސް އެތަކެއް ދަތިތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް މަސްވެރިން ވެސް ވަނީ ފާޅުކޮށްފައެވެ. ހަމައެއާއެކު މިޔަރު ހަމަލާދީގެން މި ފަހުން ގިނަ ބަޔަކު ޒަޚަމްވުމުގެ ހާދިސާތައް ހިނގިއިރު، އިއްޔެ ވަނީ މިޔަރެއް ދިން ހަމަލައެއްގައި މީހަކު ވެސް ނިޔާވެފައެވެ.