03 Jun 2024, 16:08
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންނަށް އަލުން ރުހުން ހޯދަން ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.
ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ. އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލިސް މިދިޔަ އަންގާރަ ދުވަހު ހުވާކުރުމަށް ފަހު މިއަދު އޮތް މި ދައުރުގެ ދެވަނަ ޖަލްސާގައި ވަނީ އެންމެ ފުރަތަމަ ވެސް އެ މައްސަލަ އެޖެންޑާކޮށްފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން މިއަދު ވަނީ އަލުން އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ފޮނުވާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިދިޔަ ދައުރުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.
އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.
ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.
އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ރުހުންދީފައެވެ.
މި ފެށިގެން ދިޔަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެ ޕާޓީގައި އެކަނި ވެސް 75 މެންބަރުން އެބަތިއްބެވެ. އެމްޑީޕީއަށް މި ފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ. މިއީ މަޖިލީހުގެ ހަޔާތުގައި އެމްޑީޕީއަށް އެންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނު ފަހަރުވެސްމެއެވެ.