03 Jun 2024, 12:26
ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި މަޖިލިސް ރައީސްވަނީ ރާއްޖޭގެ ކަންކަން ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި، ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާ ކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ އިތުރުން، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ.
އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތް އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ވެސް އަބްދުރަހީމެވެ.
ރައްޔިތުންގެ މަޖިލީހަށް އަބްދުއްރަހީމް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން، އޭނާ ހުންނެވީ ރައީސް މުޢިއްޒުގެ ޚާއްސަ އެޑްވައިޒަރުގެ މަގާމުގައެވެ.
ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެ ޕާޓީގައި އެކަނި ވެސް 75 މެންބަރުން އެބަތިއްބެވެ. އެމްޑީޕީއަށް މި ފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ. މިއީ މަޖިލީހުގެ ހަޔާތުގައި އެމްޑީޕީއަށް އެންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނު ފަހަރުވެސްމެއެވެ.
މަޖިލީހުގައި ޕީއެންސީގެ ސުޕަމެޖޯރިޓީއެއް އޮތް ނަމަވެސް، ތަފާތު ހިޔާލުތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.