ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ފަސް ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައި، އެ ކުންފުނިތަކަށް އެވޯޑު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސިބީ)އިން އާންމުކޮށްފިއެވެ.

މިއަދު ޕީސީބީން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ކުންފުނިތަކަށް މި އެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލު ކުރާ ކުންފުނިތަކަކަށް ވުމަށް ބާރުއަޅައި، އެކަމަށް ހިތްވަރު ދިނުން ކަމަށެވެ.

ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސްއަށް އަމަލުކުރާ ކުންފުނިތަކާއި ކުންފުނިތަކާއި ގުޅުންހުރި ފަރާތްތަކުގެ އަގު ވަޒަން ކުރުން ވެސް އެވޯޑް ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • އެކްސެލެންސް އިން ގަވަނެންސް

  • އައުޓް ސްޓޭންޑިން ޕްރޮގްރެސް
  • އައުޓް ސްޓޭންޑިން ބޯޑް ޗެއާމަން
  • އައުޓް ސްޓޭންޑިން މެނޭޖިން ޑިރެކްޓަރު
  • އައުޓް ސްޓޭންޑިން ކޮންޕެނީ ސެކެޓްރީ

މީގެތެރެއިން އައުޓް ސްޓޭންޑިން ބޯޑް ޗެއާމަން، އައުޓް ސްޓޭންޑިން މެނޭޖިން ޑިރެކްޓަރު، އަދި އައުޓް ސްޓޭންޑިން ކޮންޕެނީ ސެކެޓްރީ ކަމަށް އެވޯޑްތައް ދޭން ފަށާނީ އުސޫލަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ފަހުން ކަމަށް ޕީސީބީން ބުނެއެވެ.

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: ޕީސީބީން ވަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެވޯޑް ދިނުމަށް ނިންމާފަ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުސޫލުގައިވާ ގޮތުން، މި އެ ވޯޑުތަކަށް ނޮމިނޭޓްވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް"އަށް އަމަލު ކުރަންޖެހޭ ސީއެމްޑީއޭގައި ލިސްޓުކޮށްފައިނުވާ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށެވެ.

އޭގެއިތުރުން، އެވޯޑުތައް ދިނުމުގައި ބަލާނެ މިންގަނޑުތައް އުސޫލުގައި ބަޔާންކޮށްފައިވާއިރު، ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކޮށްފައިނުވާ އަދި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިނުވާ ކުންފުނިތަކުގެ އިތުރުން ޕީސީބީން އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތްތަކަށް މި އެވޯޑުތައް ނުދެވޭނެ ކަމަށް ޕީސީބީން ބުނެއެވެ.

ޕީސީބީން ބުނީ، މިއެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަނަންސް އެވޯޑު ކޮމިޓީން ކަމަށެވެ.