ބަތަލާ ރަވީނާ ޓަންޑަން ދަތުރުކުރި ކާރުން ތިން އަންހެނެއްގެ ގައިގައި ޖެހި އަނިޔާވިކަމުގެ ތުހުމަތުގައި ރަވީނާއަށާއި ބަތަލާގެ ކާރު ޑްރައިވަރަށް ބަޔަކު މީހުން މަގުމަތީގައި ހަމަލާދޭން މަސައްކަތްކޮށްފިއެވެ.

އިންޓަނެޓުގައި ދައުރުވެފައިވާ ވީޑިއޯ ކްލިޕެއްގައި ފެންނަ ގޮތުގައި މުމްބާއީގެ މަގުމަތިން ރަވީނާއާއި ބަތަލާގެ ޑްރައިވަރު ފެނުމާ އެކު ބަޔަކު މީހުން ވަނީ ދެ މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ފިރިހެނަކު ބުނެފައިވަނީ އޭނާގެ އާއިލާގެ ތިން މެންބަރުންނާ އެކު މަގުމަތިން ދަނިކޮށް ރަވީނާގެ ކާރުން އެ މީހުންގެ ގައިގައި ޖެއްސުމާ އެކު ލިބުނު އަނިޔާއާ ގުޅިގެން އެކަކުގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ.

ރަވީނާ ޓަންޑަން މިދިޔަ ހޮނިހިރު ދުވަހުގެ ހާދިސާ ހިނގި ސަރަހައްދުގައި--ފޮޓޯ/ޕާކިސްތާނުޑެއިލީ

މުމްބާއީގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ބަންދްރާގެ ކާޓާ މަގުގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ކަމާ ގުޅިގެން އެއްވެސް ފަރާތަކުން ފުލުސް އޮފީހަށް ރިޕޯޓުކޮށްފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދައުރުވަމުންދާ ވީޑިއޯއިން ބަތަލާގެ ރަވީނާގެ ކާރުން އެއްވެސް މީހެއްގެ ގައިގައި ޖެހިފައިނުވާކަން ވަރަށް ސާފުކޮށް ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ އެކްސް ޕްލެޓްފޯމްގައި ބުނެފައެވެ.

ރަވީނާ ދަތުރުކުރި ކާރުން ބަޔަކު މީހުންގެ ގައިގައި ޖެހުނުކަމަށް ބުނެ އެއްވެފައި ތިބި ބަޔަކު ހަޅޭއްލަވަން ފެށުމުން ރަވީނާ ވަނީ ކާރުން ފައިބާ އެކަން ހައްލުކުރުމަށް މަސައްކަތް ކޮށްފައެވެ. އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު އިސްވެ ބަތަލާއަށް ހަމަލާދޭން އުޅުމުން ގައިގައި ނުޖެހުމަށް ވެސް ރަވީނާ ތަކުރާރުކޮށް އެދުނު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ހާދިސާގައި ރަވީނާއަށާއި ބަތަލާގެ ޑްރައިވަރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.