މިދިޔަ މަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާ މަންޑީ:ދަ ޑައިމަންޑް ބަޒާރު"ގެ ދެވަނަ ސީޒަނެއް އުފައްދާނެކަން ސަންޖޭ ކަށަވަރުކޮށްދީފިއެވެ.

މި ސީރީޒް ޕްރިމިއާކުރުމާ އެކު ސަންޖޭގެ މަސައްކަތަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ވަރަށް ގިނަ ބަޔަކު މި ސީރީޒްގެ ދެވަނަ ބަޔަކަށް އިންތިޒާރުކުރެވޭ ކަމަށް ބުނުމުން ސަންޖޭ ބުނެފައިވަނީ ނެޓްފްލިކްސްގެ ޕްރޮޑިއުސަރުން ބޭނުންވެއްޖެނަމަ ދެވަނަ ސީޒަނަކަށް އޭނާ ހުރީ ތައްޔާރަށް ކަމުގައެވެ.

އިންޑިއާގެ ވެރައިޓީ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބަންސާލީ ބުނެފައިވަނީ ދެވަނަ ސީޒަންގައި ގެނެސްދޭ ވާހަކަ މުޅީން ތަފާތު ވާނެ ކަމަށާއި "ހީރާމަންޑީ"ގައި ފެނުނު ޝާހީ ޖާރިއާއިންތައް ދެން ފެންނާނީ ފިލްމީ ދުނިޔެއިން ކަމަށެވެ. އިންޑިއާއަށް 1947ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު މި ޝާހީ ޖާރިއާއިންތަކުގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ދެވަނަ ސީޒަންގައި ބޮޑަށް ދައްކުވައިދޭނީ އެ ބަދަލުތަކާ އެކު އެ މީހުންގެ ދިރިއުޅުން އިންޑިއާގެ މުމްބާއީއަށާއި ކަލްކަތާއަށް ބަދަލުކުރުމުގެ މަރުހަލާ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްގެ ކޯ ސީއީއޯ ޓެޑް ސަރަންޑޮސްއާ އެކު--ފޮޓޯ/ފޭސްބުކް

ނެޓްފްލިކްސްއިން އިއްޔެގެ ވަގުތެއްގައި "ހީރާމަންޑީ"ގެ ދެވަނަ ސީޒަން އުފައްދާނެކަން އިއުލާނުކޮށްފައިވާއިރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ނެޓްފްލިކްސްގެ ޕްރޮޑިއުސަރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ވެބް ސީރީޒް "ހީރާމަންޑީ"އިން ސަންޖޭ ވަނީ އޭނާގެ ޖާދޫ ދައްކައިދީފައި ކަމަށާއި ސަންޖޭ ނޫން އެހެން ޑައިރެކްޓަރަކަށް އެފަދަ ކުޅަދާނަކަމަކާއި ހުނަރެއް ލިބިފައިނުވާ ކަމަށް ނެޓްފްލިކްސްގެ ޕްރޮޑިއުސަރު މޮނިކާ ޝޭރްގިލް ވަނީ ބުނެފައެވެ. މި ސީރީޒްގެ ދެވަނަ ސީޒަނެއް އުފައްދާނެކަން އިއުލާނުކުރި ނަމަވެސް ދެވަނަ ސީޒަންގެ ކާސްޓުންނާ ބެހޭ މައުލޫމާތު އަދި ހިއްސާ ނުކުރެއެވެ.