އިންޑިއާގައި ބޭއްވި ފުރަތަމަ އާއްމު އިންތިޚާބުގެ ފަހަތުގައި ހުރި އެ ޤައުމުގެ ފުރަތަމަ އިލެކްޝަން ކޮމިޝަނަރު ސުކުމާރު ސެންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމައިފިއެވެ.

މި ފިލްމު ގެނެސްދޭނީ މިހާތަނަށް ވަރަށް ތަފާތު ޖޯންރާތަކެއްގެ ފިލްމުތައް އުފައްދާފައިވާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރުގެ ޕްރޮޑަކްޝަން ހައުސް ރޯއި ކަޕޫރު ފިލްމްސްއިންނެވެ. ރޯއި ކަޕޫރު ފިލްމްސްއާ އެކު އިތުރު އެހެން ކުންފުންޏަކުން ވަނީ މި ބައޮޕިކް އުފެއްދުމުގެ ކޮޕީރައިޓްސް ގަނެފައެވެ. މަޝްހޫރު ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރުގެ ކުންފުނިން މި ފިލްމު އުފައްދާނެކަން އިއުލާނުކުރި ނަމަވެސް ފިލްމުގައި ސުކުމާރު ސެންގެ ރޯލް ކުޅޭނެ އެކްޓަރަކާއި ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެއެވެ.

ސިދާތު ރޯއި ކަޕޫރު އަންހެނުން އަދި ބަތަލާ ވިދިޔާ ބާލަންއާ އެކު--ފޮޓޯ/މިޑް-ޑޭ
އިންޑިއާގައި 1951 އިން 1952އަށް ބޭއްވި ފުރަތަމަ މިނިވަން ޑިމޮކްރަސީ އިންތިޚާބުގެ މަސައްކަތްތަކުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެކަކީ ސުކުމާރު ސެންއެވެ. އިނގިރޭސިވިލާތުގެ ކޮލޮނީއަކުން ޑިމޮކްރެޓިކް ޖުމްހޫރިއްޔަތަކަށް އިންޑިއާ ބަދަލުވުމުގެ މަރުހަލާގައި ދެމެހެއްޓެނިވި ނަމޫނާ އިންތިޚާބެއް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސުކުމާރަކީ ވަރަށް ކުޅަދާނަ ހިސާބު އިލްމުވެރިއެއް ވެސް މެއެވެ.

ކުރިން މިނިވަން އިންތިޚާބެއް ތަޖުރިބާކޮށްފައި ނެތް އިންޑިއާގެ ރައްޔިތުން އާއްމު އިންތިޚާބަކަށް ތައްޔާރުކޮށް މިނިވަންކަން ލިބުނުތާ އެންމެ ދެ އަހަރު ދުވަހުގެ ތެރޭ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް އިންތިޚާބުގެ މަސައްކަތްތައް ސުކުމާރު ގެންދިޔަގޮތާ މެދު ވަރަށް ގިނަ ބައެއްގެ ތައުރީފު އޭނާއަށް ވަނީ ލިބިފައެވެ. ސުކުމާރު މަރުވެފައިވަނީ 1963ވަނަ އަހަރުގެ މެއި މަހުއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 63 އަހަރެވެ.