އިނގިރޭސިވިލާތަށް ޖާސޫސްކޮށްދިން ދެމަފިރިއަކު ޗައިނާއިން ހައްޔަރުކޮށްފިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ، (އެމްއައި6)އަށް ޖާސޫސްކޮށްދިން ދެމަފިރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައަކީ ޗައިނާއާއި އިނގިރޭސިވިލާތާ ދެމެދު ފިތުނަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ޖާސޫސްކުރިކަމަށް އެންމެ ފަހުން ފެންމަތިވި މައްސަލައެވެ.

އެ މިނިސްޓްރީ ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތަށް ޖާސޫސްކޮށްދިނީ 'އެމްއައި6'ގެ އޮޕަރޭޓިވުން ސެންޓްރަލް ސްޓޭޓް ވަޒީފާ އަދާކުރި ވަންގް ނަމަކަށް ކިޔާ މީހަކާ އޭނާގެ އަންހެނުން ޒޯއެވެ.

ވަންގު އިނގިރޭސި ވިލާތަށް ޖާސޫސް ކުރަން ފެށީ 2015 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކިޔަވަން ފެށުމުން ކަމަށާއި އެ ގައުމުގެ ސަރުކާރުން އޭނާގެ ކެއުމުގެ ހަރަދާއި ދަތުރުފަތުރު ވެސް ހަމަޖައްސައިދެމުންދާ ކަމަށެވެ. އަދި، މުސާރަ ދީގެން މަރުކަޒީ ދައުލަތުގެ އިދާރާތަކުގެ އެތެރޭގެ މަސައްކަތްތައް ހިމެނޭ ގޮތަށް ކޮންސަލްޓިން ޚިދުމަތް ދިނުމަށް ވަންގް އައްޔަންކޮށްފައިވާ ކަމަށް ޗައިނާއިން ވަނީ ތުހުމަތުކޮށްފައެވެ.

'އެމްއައި6'ގެ މުވައްޒަފުން ފަހުން ވަންގަށް އެ މީހުންގެ އައިޑެންޓިޓީ ހާމަކޮށް، ޖާސޫސީ މައުލޫމާތު ހޯދުމަށް ޗައިނާއަށް އެނބުރި ދިއުމަށް އަންގައި، ޒޯއަށް ވެސް އެކަން ކުރަން މަޖުބޫރުކުރުވި ކަމަށް ޗައިނާއިން ބުނެއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޗައިނާއާއި އިނގިރޭސިވިލާތުން އެއް ބަޔަކު އަނެއް ބަޔަކަށް ޖާސޫސްކުރާކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އޭޕްރީލް މަހު އިނގިރޭސިވިލާތުން ވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅާއި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާއަށް މައުލޫމާތު ދިނުމާއި ރަސްމީ ސިއްރުތަކުގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އިނގިރޭސި ދެ ރައްޔިތެއްގެ މައްޗަށް އުފުލައިފައެވެ.

ހަމަ އެ ދުވަހު ޗައިނާއަށް ޖާސޫސްކޮށްދިން ކަމަށް ބުނެ، ޖަރުމަނުވިލާތުން ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ އެއް ދުވަސް ފަހުން ވެސް ޖަރުމަނުވިލާތުން ވަނީ ވަނީ ޗައިނާއަށް ޖާސޫސްކޮށްދިން ކަމަށް ޝައްކު ކުރެވިގެން ޔޫރަޕިއަން ޕާލަމެންޓްގެ ކަނާތު ފިޔައިގެ މެންބަރެއްގެ އެހީތެރިއަކު ހައްޔަރުކޮށްފައެވެ.

މިދިޔަ މަހު އިނގިރޭސި ފުލުހުން ބުނެފައިވަނީ ޗައިނާގެ ސެމީ އޮޓޮނޮމިކް ސިޓީ ހޮންކޮންގްއިން އިނގިރޭސިވިލާތުގައި ޖާސޫސީ މައުލޫމާތު އެއްކުރުމުގައި އެހީތެރިވި ކަމަށް ދައުވާ އުފުލާފައިވާ މެތިއު ޓްރިކެޓް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ހޮންކޮންގަށް ޖާސޫސްކޮށްދިން ތިން މީހެއްގެ މައްޗަށް ވެސް މިދިޔަ މަހު އިނގިރޭސިވިލާތުން ވަނީ ދައުވާ އުފުލައިފައެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު ކަމަށްވާ، އިނގިރޭސިވިލާތުގެ 37 އަހަރުގެ މެތިއު ޓްރިކެޓް ވަނީ ފަހުން މަރުވެފައި އޮއްވައި ފެނިފައެވެ.

ބޭރުގެ އިދާރާތަކާއި ޖާސޫސީ މަސައްކަތްތައް ކުރާ މީހުންނަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ޗައިނާގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.