ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފުގެ ނަންފުޅާއި، މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޕާކިސްތާނު ސަފީރުކަމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ފޮރިން ސާވިސް ގާނޫނުގެ ދަށުން ރާއްޖެއިން މި ދެ ގައުމަށް ސަފީރުން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައެވެ.

މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، މުހައްމަދު ތާހާ: އޭނާ ޕާކިސްތާނު ސަފީރުކަމަށް ބަދަލުކުރުމަށް ވަނީ ނަން ކޮމިޓީއަށް ފޮނުވައިފަ --

އަބްދުއް ރަހީމަށް ފަހު ދެން ހުށަހެޅުއްވީ، މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، މުހައްމަދު ތާހާ ޕާކިސްތާނު ސަފީރުކަމަށް ބަދަލުކޮށްދެއްވުމަށެވެ.

އެގޮތުން މިއަދު އޮތް ވިހި ވަނަ މަޖިލީހުގެ ތިންވަނަ ޖަލްސާގައި އެ މައްސަލަ ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

މިދިޔަ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ޗީފަކަށް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.

ނަމަވެސް އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންފައި ވަނީ 39 އަހަރުގެ ޚިދުމަތަށް ފަހު، އޭނާގެ އުމުރުފުޅުން 60 އަހަރު ވުމުންނެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ޕާކިސްތާނު ސަފީރުކަމަށް ބަދަލުކުރެއްވުމަށް ރައީސް ހުށަހެޅުއްވި ތާހާ، އެންމެ ފުރަތަމަ ސައުދީ ސަފީރުކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުންދީފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ.

އޭނާއަކީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވާދަކުރެއްވީ ހޮޅުދޫ ދާއިރާއަށެވެ.